އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 96.4 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރުދުންނަށް ދޫކުރާ އިންކަމް ސަޕޯޓު މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަަށް 8,648 ފަރާތަކަށް، 22,751 ބުރެއްގެ މަތިން ދޫކޮށްފައިވާ ކަމަށެވެ. އަދި ދޫކުރި ފައިސާގެ އަދަދު 96.4 މިލިއަން ރުފިޔާއަށް ވަނީ އަރާފަ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.
ސަރުކާރުން އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ. ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އިމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ.
އަދި ގައުމީ ޔުނިވާސިޓީން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ސާވޭގައި ބައިވެރިވި ވަޒީފާތަކުގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.