ޕޮލިޓިކްސް

ނަޝީދުގެ ނުރުހުން އަމީރަށް: ދަރަނި މެނޭޖެއް ނުވޭ!

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތައް މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން މިނިސްޓަރަށް އަމާޒު ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓަރު އަމީރަށް ރައީސް ނަޝީދު މިއަދު ފާޑުވިދާޅުވީ، މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހިއްސާ ކުރި ދަރަނީގެ ހިސާބުތަކުގައިވާ ކުރީގެ ސަރުކާރުން ނެގި ބައެއް ލޯނުތަކުގެ މައުލޫމާތު މަޖިލީހަށް ކުރިން ލިބިފައި ނެތް ކަމަށާއި މަޖިލީހުގައިވާ ބައެއް ގެރެންޓީތަކުގެ މައުލޫމާތުތައް މިނިސްޓްރީން ފޮނުވި ލިއުމުގައި ނެތް ކަމަށް ވިދާޅުވެ މަޖިލީހަށް ނަޝީދު މައްސަލައެއް ހުށަހަޅުއްވަމުންނެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނި ބެލެހެއްޓުމުގެ ޒިންމާ އެ މިނިސްޓަރުން ރަނގަޅަށް އަދާ ކުރައްވާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅުންނަށް ފާޑުވިދާޅުވުމަށް ފަހު ނަޝީދު ދެން ވިދާޅުވީ މި ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ވެސް ސީރިއަސް ގޮތުގައި އެ މަސައްކަތް ނަގައިގެން ނުކުރެވޭ ކަމަށެވެ.

މާލިއްޔަތު ގާނޫނަށް ހަވާލާދީ ނަޝީދު ވިދާޅުވީ ދަރަންޏެއް ނަގާތާ ނުވަތަ ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޫކުރާތާ 30 ދުވަހެއްގެ ތެރޭގައި މަޖިލީހަށް އެ މައުލޫމާތު ފޮނުވުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ދަރަނި ބެލެހެއްޓުމުގެ ޒިންމާ ސީރިއަސްކޮށް މިނިސްޓަރުން ނަގާފައި ނުވާ ކަމަށެވެ.

"މާލިއްޔަތު ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ އެއްގޮތަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުން އަމަލުކޮށްފައެއް ނުވޭ، މިހާރުގެ ފިނޭންސް މިނިސްޓަރު ވެސް އަމަލު ކުރައްވަމުން ނުގެންދަވާ، ސީރިއަސްކޮށް މި މައްސަލަ ނުނަންގަވާތީ އަޅުގަނޑު މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ނިންމެވީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް އެއް ގަޑިއިރުގެ ވަގުތެއް އެމަނިކުފާނު ހުޅުވާލެވި އެވެ. މި މައްސަލައަށް ބަހުސް ކުރައްވަމުން ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވިފައިވެ އެވެ.

ހަތަރު ލޯނެއްގެ މައުލޫމާތު ކުރީގެ ސަރުކާރުގައި މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެ ކަން ދޮގު ކުރައްވަ އެވެ. މިއަދުގެ ޖަލްސާގައި ނަޝިޒް ވަނީ އެ ލޯނުތަކުގެ މައުލޫމާތުތައް މަޖިލީހަށް ލިބުނު ތާރީހުތަކާއި ސިޓީ ނަންބަަރު ވިދާޅުވެފަ އެވެ.

މަޖިލީހުގައި ނެތް ކަމަށް ނަޝީދު ވިދާޅުވާ ލޯނުތައް

  • ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
  • ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
  • ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު