އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިން އިން ނަގައި އާންމު ހާލަތަށް ބަދަލު ކޮށްފި އެވެ.
ހިތަދޫގެ މޮނިޓަރިން އުވާލިކަން އަންގާ އެޗްޕީއޭއިން އައްޑޫ ސިޓީގެ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހިތަދޫ މޮނިޓަރިންގް ހާލަތު ދަމަހައްޓަން ޖެހޭ އިތުރު ސަބަބެއް ނެތުމާއެކު އެ ހާލަތު އުވާލާފައިވާ ކަމަށެވެ.
އެ ރަށް މޮނިޓަރިން އިން ނަގާފައި ވަނީ ރަށަށް އަރާ ފޭބުން މަނާ ކުރިތާ 24 ގަޑިއިރު ފަހުންނެވެ.
ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެމްބަރު ޖަމްޝީދާ މުހައްމަދު މިއަދު ވިދާޅުވީ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް އެކީ ނިމުމާ ގުޅިގެންނެވެ އަދި ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި މީހުން ވެސް ޓެސްޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫއަށް އަރާ ފޭބުން މަނާ ކުރީ، ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭހެއް ފެނިގެނެވެ. ހިތަދޫ ލޮކްޑައުން ކުރިއިރު އެ ރަށުގެ އާބާދީ 10،000 އަށް ވުރެ މައްޗެވެ. ހިތަދޫގެ އިތުރުން އެ ރަށާ އެއް ފަސްގަނޑަކުން ގުޅިފައިވާ ފޭދޫން ވެސް ޕޮޒިޓިވް ކޭހެއް ފެނުނެވެ. ނަމަވެސް، ފޭދޫ އަށް އަރާ ފޭބުން މަނާ ކޮށްފައެއް ނުވެ އެވެ.
ހިތަދޫ މޮނިޓަރިންގްއަށް ލުމާ ގުޅިގެން އެ ރަށުގެ ސްކޫލްތައް ވަނީ ދެ ދުވަހަށް ބަންދު ކޮށްފަ އެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ކޮވިޑް އަށް ބަލިވާ މީހުން ދަނީ ފެންނަމުންނެވެ.