ހަބަރު

ޖެނީވާގައި ހުންނަ ދާއިމީ މަންދޫބަކަށް ޑރ. އާސިމް އަހުމަދު

Aug 10, 2020

ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް އަހުމަދު މިއަދު އައްޔަނު ކުރައްވައިފި އެވެ.

މިއަދި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އާސިމަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އާސިމް މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

އޭގެ ކުރިން އޭނާ ވަނީ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މާގާމުގެ އިތުރުން، އާސިމް ވަނީ އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފަ އެވެ.

އާސިމަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ޑިގްރީގެ އިތުރުން، ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއިން މާސްޓާސް އާއި، ސޯޝަލް ޕޮލިސީ ޑޮކްޓާ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.