ރައްޔިތުންގެ މަޖިލިސް

ޖިހާދު، މުނައްވަރު، އަދި އަމީރު މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނީގެ ހިސާބުތައް ސާފުނުވާތީ އެ ކަން އޮޅުންފިލުވުމުގެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރާއި، މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަަ ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކުރަން މިއަދުގެ ޖަލްސާގައި ފާސްކުރުމުން އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ހަމަ މިއަދު ރައީސް ނަޝީދު ފެށްޓެވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ފަސް ބޭފުޅަކު އެ ކޮމިޓީއަށް ހާޒިރު ކުރަން 56 މެންބަރުންގެ ވޯޓުން ފާސްކުރި އެވެ. އެއީ ކުރީގެ ނައިބު ރައީސް ޖިހާދާއި، ކުރީގެ މިނިސްޓަރު މުނައްވަރާއި، މިހާރުގެ މިނިސްޓަރު އަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތެވެ.

މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލަ އެމަނިކުފާނު ހުށަހަޅުއްވަން ނިންމެވި ސަބަބަކީ މިދިޔަ އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކާއި އޭގެ ކުރިން މަޖިލީހުގައި ހުރި ދަރަނީގެ ހިސާބުތަކާ ދިމާ ނުވާތީ ކަމަށެވެ.

ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، ފިނޭންސްއިން ފަހުން ފޮނުވި ލިއުމުގައިވާ ހަތަރު ލޯނެއްގެ މައުލޫމާތު ކުރިން މަޖިލީހަށް ލިބިފައެއް ނުވެ އެވެ. އަދި ކުރިން މަޖިލީހަށް ލިބުނު ދެ ގެރެންޓީއެއްގެ މައުލޫމާތެއް ފަހުން ފިނޭންސް އިން ފޮނުވި ލިއުމުގައި ނެތް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް ނަޝީދު ވިދާޅުވާ ހަތަރު ލޯނުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވި އެވެ. އެ މައުލޫމާތުތައް މަޖިލީހަށް ލިބުނު ތާރީހުތަކާ އެކު ނާޝިޒް ވިދާޅުވި އެވެ. ފަހުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހަށް އެ ހަތަރު ލޯނުގެ މައުލޫމާތު ހަމަ ނުލިބޭ ކަމަށެވެ.

މަޖިލީހުގައި ނެތް ކަމަށް ނަޝީދު ވިދާޅުވާ ލޯނުތައް

  • ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނު
  • ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނު
  • ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކަށް ސިލޯން ބޭންކް އިން ނެގި 16.1 ޑޮލަރުގެ ލޯނު

މި މައްސަލާގައި ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ ޖިހާދާއި މުނައްވަރާއި މިހާރުގެ މިނިސްޓަރު އަމީރު ހާޒިރު ކުރަން ފާސްކުރިއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ ތިން މިނިސްޓަރުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ކުރީގެ ދެ މިނިސްޓަރުންނާއި މިހާރުގެ މިނިސްޓަރަށް ޒިންމާ އަދާނުކުރެވޭ ކަމަށެވެ.