ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ދެ މުވައްޒިފަކު ޕޮޒިޓިވްވެއްޖެ

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ދެ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މީގެ ކުރިންވެސް އެ ހޮސްޕިޓަލުން ގިނަ ބަޔަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި މުވައްޒިފުންނާއި ބަލި މީހުންވެސް ހިމެނެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގެ ލެބޯޓަރީގައި މަސައްކަތް ކުރާ ދެ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަފްޒަލް ވިދާޅުވީ އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 116 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 111 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް ފަސް މީހުންނަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 77 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީލަންކާގެ ހަ މީހެއްގެ އިތުުރުން ނޭޕަލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,157 އަރާފައެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 31 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2835 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2303 މީހުންނެވެ. ކޮވިޑްގައި 19 މީހަކު ވަނީ މަރުވެފައެވެ.