ކައިވެންޏަކީ ވަރަށް ގިނަ ފަހަރަށް މީހުންގެ ބޯގޮއްވާލާ ގުޅުމެކެވެ. އުފާވެރި ޒަވާޖީ ހަޔާތެއްގެ ގަވާއިދާއި އުސޫލުތަކަކީ ކޮބައި ހެއްޔެވެ؟ މިއީ އެއްގޮތަކަށް ވެސް ޖަވާބު ދޭން ފަސޭހަ ސުވާލެއް ނޫނެވެ. ކައިވެންޏަށް ފިލަން ނުވަތަ ކައިވެނިން ނުކުމެ ބައިވެރިޔާ އަށް ފިލަން ދުއްވައިގަންނަން ޖެހޭ ހިސާބުގައި ގިނަ ބަޔަކު އުޅެން ޖެހިފައި ވަނީ ވެސް މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.
ކައިވެނި ނުވަތަ ޒަވާޖީ ހަޔާތަކީ ވެސް އޭގައި ނިކަން ބޮޑު ތާރީޚެއް އޮތް ކަމެކެވެ. ތާރީޚެއް އޮންނަ ކޮންމެ ކަމަކުން އިބްރަތް ހާސިލުކުރުމުގެ ފުރުސަތު އޮވެ އެވެ.
އެހެންވީމަ ކައިވެނި ނުވަތަ ޒަވާޖީ ހަޔާތުގެ ތާރީޚަށް ކުރު ގޮތަށް ބަލައިލަމާ ހިނގާށެވެ.
އެންމެ ފުރަތަމަ މީހުން މީހުންނާ އިނދެ އުޅުނީ ދެ މީހެއްގެ ދެމެދުގައި ފައްކާވި ނުވަތަ ފައްކާކުރި ލޯތްބެއްގެ ޖާދޫއެއްގައި ޖެހިގެންނެއް ނޫނެވެ. އެންމެ ކުރީގައި މީހުން މީހުންނާ އެގޮތަކަށް ހިތައެއް ނުވެ އެވެ.
ކައިވެންޏަށް ފަހު އޭރުގެ މީހުންގެ މެދުގައި ލޯބި ނުއުފެދޭ ވާހަކައެއް ނޫނެވެ. އޭރު ކައިވެނިކުރީ ކޮންމެހެން އެކަކު އަނެކަކާ ހިތާވެ، ލޯބިއަރައިގަނެގެން ނޫން ކަމެވެ.
އޭރުގެ މީހުން ކައިވެނިކުރީ އާރާއި ބާރާއި ލައްޒަތުގެ ދަހިވެތިކަމުގަ އެވެ. ލޯތްބަކީ އޭރު ވަރަށް ގިނަ ގައުމުތަކުގައި ނުވަތަ ބޮޑެތި ސަގާފަތްތަކުގައި މަނާކޮށްފައި އޮތް ގުޅުމެކެވެ.
މިސާލަކަށް އިންޑިއާ އާއި ޗައިނާގެ މުއްސަނދި ސަގާފަތް ނެގިދާނެ އެވެ. އިންޑިއާގައި އަދިވެސް ގިނައީ ލޯބިން ދެ ހިތެއް ގުޅިގެން ކުރެވޭ ކައިވެންޏަށް ވުރެ އާއިލާއެއްގެ ހިތާއި ފައިސާވެރިކަމާއި ތަނަވަސްކަން ގުޅިގެން ކުރެވޭ ކައިވެންޏެވެ.
ޗައިނާގައި އެންމެކުރިން ފިރިމީހާ އާއި އަނބިމީހާއާ ދެމެދު ލޯބި އާލާކުރުމަކީ ދެމަފިރިންގެ ސަބަބުން އެކަތިގަނޑަކަށް ވެފައި އޮންނަ ދެ އާއިލާއެއް ރޫޅިގެން ހިނގައިދާނެހާ ބޮޑު ޖަރީމާ އެކެވެ.
އެހެންވީމަ އެންމެ ކުރިން މީހުން ކައިވެނިކޮށް އުޅުނީ އަމިއްލަ އެދުމާއި ސިޔާސީ އެދުމާއި މުޖުތަމައުގެ އެދުމާއި އާރާއި ބާރުގެ ބޭނުމުގަ އެވެ. ނުވަތަ އުޅެން ފަސޭހައަކަށެވެ.
ޒަވާޖީހަޔާތުގެ މި ދުނިޔެ އަށް އިންގިލާބެއް ގެނައީ ލޯތްބެވެ. މިއަދުގެ ދުނިޔެ މީހުންނަށް ދަސްކޮށްދެނީ އެކަކު އަނެކަކު ދެކެ ލޯބިވުމަށާއި އެކަކު އަނެކަކަށް ލޯބިކުރުމަށެވެ.
އެހެންވީމަ ކައިވެނީގެ ތާރީޚުން ހާސިލުކުރަން ޖެހޭ އިބްރަތަކީ ލޯބި އައިސް ޒަވާޖީހަޔާތް ހައިޖެކްކޮށްފި ކަމެވެ. މިއަދުގެ ދުނިޔޭގައި ކައިވެންޏަކީ ނުވަތަ ޒަވާޖީ ހަޔާތަކީ ދެ ޖިންސުގެ ހަމަހަމަކަމާއި ދެ މީހެއްގެ ހިތުގައި އެކަކު އެނަކަކަށް އުފެދޭ ލޯތްބެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެކެވެ.
ބައެއް މީހުން ބުނާ ވާހަކައެއް އޮވެ އެވެ. ކައިވެންޏަކީ މިނިވަންކަން ގެއްލުވާލާ ކަމެކެވެ. އެކަމަކު މިއީ މިއަދުގެ ދުނިޔެއަށް އެހާ ރަނގަޅަށް ފިޓްވާނެ ވާހަކައެއް ކަމަކަށް ނުބެލެވެ އެވެ.
ހަރުކަށި ގަވާއިދުތަކެއް ނުވަތަ ފިރިމީހާ ނުކުމެ އަނބިމީހާގެ ގައިގައި އޮބި އަޅައި މައިތިރިކޮށްގެން އުޅުނީ މާ ކުރީގެ ޒަމާނެއްގަ އެވެ.
މިއަދުގެ ދުނިޔޭގައި އަނބިމީހާ އާއި ފިރިމީހާ ވެސް ދިރިއުޅެނީ އެކަކު އަނެކަކަށް ނުހަނު ބޮޑު މިނިވަންކަމެއް ދީގެންނެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ޖެހޭނެއޭ މީހުން ބުނެއުޅެއެއް ނޫން ހެއްޔެވެ؟ އެހެންވީމަ ހަދަން ޖެހޭ ގޮތަކީ ކޮބައި ހެއްޔެވެ؟
އަނގައިން ނުބުނެ ތިބުމަކީ ގުޅުން އިތުރަށް ގޯސްވެ ހިތާމަވެރި ނިމުމަކަށް ދާން ޖެހިދާނެ ގޮތެކެވެ. އެކަކު އަނެކަކަށް ވާހަކަ ދެކެވެން ޖެހޭނެ އެވެ. ޒުވާބުކޮށް މައްސަލަ ހައްލުކުރެވެން ވެސް ޖެހޭނެ އެވެ.
ނަމަވެސް އެންމެ ކުރިން ޒަވާޖީ ހަޔާތުގައި މިއީ ވެސް މަނާ ކަމެކެވެ. ފިރިމީހާ ކިޔާނެ އެއްޗެއް ކިޔައި ނިމެން ދެން އަނބިމީހާ ހުންނަން ޖެހޭނީ މަޑުންނެވެ. އެއަށް ފަހު ވެސް މަޑުންނެވެ. ފިރިމީހާ ކިޔާ އެއްޗަކަށް ރައްދެއް ދީފި ނަމަ ގުޅުން ވާނީ އިތުރަށް ގޯހެވެ.
ނަމަވެސް ބަދަލުވެފައިވާ ދުނިޔޭގައި އެކަން އޮތީ އެހެނެއް ނޫނެވެ. ވާހަކަ ދައްކައި މަޝްވަރާކޮށް ނުވަތަ ޒުވާބުކޮށްގެން ހައްލުނުހޯދޭނެ މައްސަލައެއް މިއަދަކު ނެތެވެ. އެކަކު ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ ބަދަލުގައި ދެ މީހުން ބޭނުންވާ ގޮތަށް ނުވަތަ ދެ މީހުންނަށް އެންމެ ފައިދާކުރާނެ ފަދަ ގޮތަކަށް ކަންކަން ރާވައި ނިންމުމަކީ ބުއްދިވެރި ގޮތެވެ.
އެހެންވީމަ މިއީ ހަމައެކަނި ލޯތްބަކުން ވެސް ހާސިލުކުރެވެން އޮތް އުފާވެރިކަމެއް ނޫނެވެ. ސައިންސްވެރިން ވެސް ބުނަނީ ކައިވެނީގެ ގަދަފަދަކަމަކީ ހަމައެކަނި ލޯބި ކަމުގައިވާ ނަމަ އެއީ ގޯހެއް ކަމަށެވެ. ލޯތްބަކީ ނިކަން ފަސޭހައިން އޭގެ ސިފަ އާއި ވައްތަރަށް ބަދަލުތަކެއް އަންނަ އިހްސާސަކަށްވާއިރު ލޯބިން އެކަނި ކައިވެންޏެއް ސަލާމަތެއް ނުކުރެވޭނެ އެވެ.
އެހިސާބުން ޒަވާޖީ ހަޔާތެއްގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެކުވެރިކަމާއި ދެ މީހުންގެ މެދުގައި އެކަކު އަނެކަކަށް އޮންނަ އިހްތިރާމެވެ.
އެކުވެރިކަމާއި އެކަކު އަނެކަކަށް ކުރާ އިހްތިރާމްގެ އުމުރު ހަގީގަތުގައި ވެސް ލޯތްބަށް ވުރެ އުމުރު ވެސް ދިގެވެ.