ހަބަރު

މާލީ ބަޔާން ހުށަނޭޅުނީ މައުލޫމާތު ނުލިބިގެން: ޕީޖީ ޝަމީމް

Aug 11, 2020
3

މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި އެ ބަޔާން ހުށަހެޅިފައިނުވަނީ އެކަމަށް ބޭނުންވާ މައުލޫމާތު ނުލިބިގެންކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17، 2018 މި ސަރުކާރު އައި ފަހުން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން، މާލީ ބަޔާން ގަވައިދުން ހުށަހަޅުއްވާފައިނުވާ ބޭފުޅުންގެ ތެރޭގައި ޝަމީމްގެ އިތުރުން މިހާރު މަގާމުގައި ތިއްބެވި ހަތަރު މިނިސްޓަރަކު ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލީ ބަޔާން ހުށަހެޅިފައިނުވަނީ، އޭގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުންކަމަށާއި، އެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އެކަން އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެންނަވާފައިވާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

"މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކައާއި، އެމައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާކަމަށާއި، ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ. ބަޔާން އާއްމު ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އަދި މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، މިދިއަ އަހަރުގެ މާލީ ބަޔާން އަދި މިހާތަނަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ އިތުރުން، މި ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވާކަމަށް އޮޑިޓު އޮފީހުގެ މައުލޫމާތުތަކުން ދައްކަ އެވެ.

މި ގޮތުން، ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެއްވެސް ގޮތަކަށް ބަޔާން ހުށަހަޅުއްވާފައިނުވާއިރު، ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިދިއަ އަހަރުގެ މާލީ ހިސާބުތައް ހިއްސާކުރައްވާފައެއް ނުވެ އެވެ.