ހަބަރު

ދަރަނި ސާފުނުވާ ކަމުގެ ތުހުމަތަށް އަމީރު އިންކާރު ކުރައްވައިފި

Aug 11, 2020
1

މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުގައިވާ ގޮތަށް ދަރަނީގެ ހިސާބުތައް ނުބަހައްޓަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ކުރެއްވި ތުހުމަތުތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އިންކާރު ކުރައްވައިފި އެވެ.

މުޅި މަޖިލީސް އެއްވެގެން މިއަދު ކުރިއަށްދާ ކޮމިޓީއަށް މިނިސްޓަރު އަމީރުގެ އިތުރުން ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރާއި، އެމްއެމްއޭރުގެ ގަވަރުނަރު އަލީ ހާޝިމްއާއި، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފައިވެ އެވެ.

މި ފަސް ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ދަރަނި ހުރި މިންވަރު ސާފު ނުވާތީ އާއި ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ހިސާބުތަކަކާއި މަޖިލީހުގައި ކުރިން ހިސާބުތަކާ ދިމާ ނުވާތީ އެ ކަމުގެ ތަފުސީލުތައް ހޯދުމަށެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މައްސަލަ ހުށަހަޅުއްވަމުން ރައީސް ނަޝީދު ވަނީ މިނިސްޓަރު އަމީރަށާއި ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ ޖިހާދަށާއި މުނައްވަރަށް ފާޑުވިދާޅުވެފަ އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ދަރަނި ބަލަހައްޓާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަން ފަށްޓަވަމުން މިނިސްޓަރު އަމީރު އެއަށް ރައްދު ދެއްވި އެވެ. އަމީރު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން ދަރަނި ނެގުމުގައި އަމަލު ކުރަމުން ގޮސްފައި ވަނީ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ އެއް ގޮތަށް ކަމަށެވެ.

"ދައުލަތުގެ ދަރަނި ސާފު ނުވުން، ދަރަނީގެ މައުލޫމާތު މަޖިލީހަށް ހިއްސާ ނުކުރުން، މި ދެ ކަމަށް ވެސް މިހާރުގެ މިނިސްޓަރުގެ ހައިސިއްޔަތުން އިންކާރު ކުރަން. ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ ޒިންމާތައް ގާނޫނުތަކާ އެއް ގޮތަށް މިހާރު ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކަކީ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތީން." އަމީރު ވިދާޅުވި އެވެ.

އަމީރު ދެން ވިދާޅުވީ، ދައުލަތުގެ ދަރަނީގެ ސްޓެރެޓެޖީ ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ގާނޫނުގައި އޮންނައިރު އެ ގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. ދައުލަތުގެ ދަރަނީގެ ބަޖެޓްގެ މައުލޫމާތު ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓްގައި ހިމަނާ ކަމަށާއި ދައުލަތުގެ ދަރަނީގެ ނިސްބަތް ވަރަށް ސާފުކޮށް އެބަ އެނގޭ ކަމަށެވެ.

އަމީރު އެ ގޮތަށް ވިދާޅުވުމާ އެކު ރައީސް ނަޝީދު އޭނާގެ ވާހަކަ މެދުކަނޑާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އަމީރު ގޯސްކޮށް އަމަލު ކުރެއްވި ކަމާ ގުޅޭ ގޮތުން އެއްވެސް މެންބަރަކު ސުވާލު ނުކުރައްވާ ކަމަށެވެ. މެންބަރުންގެ ސުވާލުތައް އަމާޒުކޮށްފައިވަނީ އަހުމަދު ސިޔާމްގެ ކުންފުންޏަށް ދިން ގެރެންޓިއާ ގުޅޭ ގޮތުން ކަމަށް ވާތީ އެއަށް ޖަވާބު ދިނުމަށެވެ.