ރާއްޖެ ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެ ކަމުގެ ކަށަވަރުކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިހެން ވިދާޅުވީ މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި ކުރިއަށް ގެންދާ ކޮމެޓީ ބައްދަލުވުމުގަ އެވެ. ދަރަނީގެ ހިސާބުތައް ސާފުކުރަން އަމީރުގެ އިތުރުން ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރު ވެސް ހާޒިރުކޮށްފައިވެ އެވެ.
ކޮމިޓީގައި މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް މިދިޔަ ސަރުކާރުން ދިން ސޮވެރިން ގެރެންޓިއާ ގުޅޭ ގޮތުންނެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.
ޗައިނާގެ އެގްޒިމް ބޭންކް އިން މި ދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އޭގެ ނޯޓިސް އައުމުން އެ ކަން ސަން ސިޔާމްގެ ކުންފުންޏަށް ސަރުކާރުން އެ ދެއްކުމަށް އެންގި ކަމަށާއި ސަން ސިޔާމްއަށް ފޮނުވީ ފަސް ދުވަހުގެ ނޯޓިސްއެއް ކަމަށެވެ. އެ ނޯޓިސްއާ އެއް ގޮތަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެ ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ކަމަށެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރާ ހަވާލުވި އިރު ވެސް މި ޕްރައިވެޓް ގެރެންޓީ ދީފަވާ ކަމަށެވެ. އަދި މާލިއްޔަތު ގަވާއިދުގައި އޭރު ހެދިފައި އޮތް އުސޫލުގެ ތެރެއިން ކަމަށެވެ.
"ޖުލައި 22 ގައި ޗައިނާ ބޭންކް އިން ނޯޓިސް އައިސްފައިވޭ. އެ ދުވަހު ހަވީރު ސިޔާމް އަށް ސިޓީ ފޮނުވިން. އޭގައި އޮތީ ފަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެޔޭ. މި ފަސް ދުވަހުގެ ތެރޭގައި އެކްސްކްރޯ އެކައުންޓްގައި ފައިސާ ޖަމާކޮށްފައި އޮންނަން ވާނެޔޭ. އަދި އަޅުގަނޑުމެން އަންގާފައިވާނެ މޯގޭޖް ކުރާނަމޭ ފައިސާ ނުދައްކާނަމަ. އެހެންވީމަ ސޮވެރިން ޑެޓަކަށް މިހާރު ނުވާނެ. ސޮވެރިން ޑެޓަކަށް ނުދާނެ ކަން ކަށަވަރު،" އަމީރު ވިދާޅުވި އެވެ.
ސިޔާމްގެ ކުންފުނި އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފައިވެ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ.