ލައިފްސްޓައިލް

ސިކުނޑީގެ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް ޓީވީން ލައިވްކުރަނީ

Oct 8, 2015

މިއީ މަޝްހޫރު ޓީވީ ޑްރާމާތައް ކަމުގައިވާ "ގްރޭއިސް އެނެޓޮމީ" އާއި "އީއާރް" ފަދަ ޝޯތަކަށް މަރުދޭ މީހުންގެ ހިތް ނިކަން ގަދަ އަށް ތެޅޭނެ ޚަބަރަކަށް ވާނެކަން ޔަގީނެވެ. ސަބަބަކީ އެފަދަ ޑްރާމާތަކުގައި ތަމްސީލުކޮށްދިން ފަދަ މަންޒަރެއް އެންމެފަހުން ނެޝެނަލް ޖިއޮގްރެފިކް ޗެނަލުން ހަގީގަތަށް ހަދަން އުޅޭތީ އެވެ.

މީހެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް މީގެ ކުރިން ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ފޮނުވާފައެއް ނުވެ އެވެ. ނެޝެނަލް ޖިއޮގްރެފިކުން ތައްޔާރުވަމުން ދަނީ މިކަން ކުރުމަށެވެ.

ސިކުނޑީގެ މި އޮޕަރޭޝަން ލައިވްކުރާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މުޅި އޮޕަރޭޝަނުގައި ބަލި މީހާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސް ހޭލަ އެވެ.

އެމެރިކާގެ އޮހައޯގެ ޔުނިވާސިޓީ ހޮސްޕިޓަލްސް ކޭސް މެޑިކަލް ސެންޓަރުގައި ކުރުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން ނެޝެނަލް ޖިއޮގްރެފިކް ޗެނަލުން ދެ ގަޑިއިރަށް ލައިވްކުރާނީ "ބްރެއިން ސާޖަރީ ލައިވް ވިތު މެންޓަލް ފްލޮސް" ގެ ނަމުގައި އުފައްދާ ހާއްސަ ޕްރޮގްރާމެއްގެ ދަށުންނެވެ. މި އޮޕަރޭޝަން ލައިވްކުރުމަށް ދެ ކެމެރާމަނަކު ބޭނުންކުރާއިރު ޑޮކްޓަރުން ބޭނުންކުރާ އެކި އާލާތްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފީޑް ވެސް ދައްކާނެ އެވެ.

މިއީ ޑީޕް ބްރެއިން ސްޓިމިއުލޭޝަންއޭ ކިޔުނު ސާޖަރީއެކެވެ. މިއީ ޕާކިންސަން ޑިޒީޒްގެ ބަލި މީހުންނަށް ފަރުވާ ހޯދަން ކުރެވޭ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ބޭނުންކުރާ މީހާ އެއްކޮށް ހޭނުނައްތައި ވާހަކަ ދެކެވޭ ފަދަ ހާލަތެއްގައި ބާއްވަނީ އޭނާގެ ސިކުނޑިއަށް ފަރުވާ ދިނުމަށް ކުރާ މި އޮޕަރޭޝަނުގައި ޑޮކްޓަރުން ކުރާ ޓެސްޓްތަކުން ނުކުންނަ ނަތީޖާތަކަށް ވަގުތުން ރައްދު ހޯދުމުގެ ބޭނުމުގަ އެވެ.

މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާނީ ތިން ޑޮކްޓަރުންނެވެ.