ރޮޒައިނާ އާދަމް

އަމީރު މަސްއޫލިއްޔަތު އަދާކުރައްވަނީ ޒިންމާދާރުކަމާއެކު: ރޮޒައިނާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު ކަމަށް ވިދާޅުވެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްް، މިނިސްޓަރު އަމީރަށް ތައުރީފު ކުރައްވައިފި އެވެ.

ރޮޒައިނާ، މިނިސްޓަރު އަމީރަށް ތައުރީފު ކުރައްވާފައިމިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރު އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުގައިވާ ގޮތަށް ދަރަނީގެ ހިސާބުތައް ނުބަހައްޓަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެ ކަމުގެ ކަށަވަރުކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުގެ މަޖިލީހުގައި ވިދާޅުވާ ވީޑިއޯއަކާއިއެކު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާ ކުރައްވަމުން ގެންދަވާ ކަމަށްޓަކައި މިނިސްޓަރު އަމީރަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ސާބިތުކަމާ އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށްޓަކައި ތިޔަގޮތުގައި ޒިންމާ އަދާކުރައްވަމުން ގެންދަވާ،" މިނިސްޓަރު އަމީރަށް ތައުރީފު ކުރައްވާ ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލްވުމުގައި މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް މިދިޔަ ސަރުކާރުން ދިން ސޮވެރިން ގެރެންޓިއާ ގުޅޭ ގޮތުންނެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.

ޗައިނާގެ އެގްޒިމް ބޭންކް އިން މި ދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އޭގެ ނޯޓިސް އައުމުން އެ ކަން ސަން ސިޔާމްގެ ކުންފުންޏަށް ސަރުކާރުން އެ ދެއްކުމަށް އެންގި ކަމަށާއި ސަން ސިޔާމްއަށް ފޮނުވީ ފަސް ދުވަހުގެ ނޯޓިސްއެއް ކަމަށެވެ. އެ ނޯޓިސްއާ އެއް ގޮތަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެ ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ކަމަށެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރާ ހަވާލުވި އިރު ވެސް މި ޕްރައިވެޓް ގެރެންޓީ ދީފަވާ ކަމަށެވެ. އަދި މާލިއްޔަތު ގަވާއިދުގައި އޭރު ހެދިފައި އޮތް އުސޫލުގެ ތެރެއިން ކަމަށެވެ.

"ޖުލައި 22 ގައި ޗައިނާ ބޭންކް އިން ނޯޓިސް އައިސްފައިވޭ. އެ ދުވަހު ހަވީރު ސިޔާމް އަށް ސިޓީ ފޮނުވިން. އޭގައި އޮތީ ފަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެޔޭ. މި ފަސް ދުވަހުގެ ތެރޭގައި އެކްސްކްރޯ އެކައުންޓްގައި ފައިސާ ޖަމާކޮށްފައި އޮންނަން ވާނެޔޭ. އަދި އަޅުގަނޑުމެން އަންގާފައިވާނެ މޯގޭޖް ކުރާނަމޭ ފައިސާ ނުދައްކާނަމަ. އެހެންވީމަ ސޮވެރިން ޑެޓަކަށް މިހާރު ނުވާނެ. ސޮވެރިން ޑެޓަކަށް ނުދާނެ ކަން ކަށަވަރު،" އަމީރު ވިދާޅުވި އެވެ.