ފިނިޕޭޖް

ޖެކްލީންގެ އުފަން ދުވަހުގެ ހަދިޔާއަކަށް "ކިކް 2"

ސަލްމާން ޚާންގެ "ކިކް 2"ގެ ބަތަލާއަކަށް ޖެކްލީން ފެނާންޑެސް ހަމަޖެހިފައި ވާކަން ރަސްމީކޮށް މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. މިއީ މި ސިލްސިލާގެ ފުރަތަމަ ފިލްމު "ކިކް" ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާ ޖެކްލީން އަށް ދިން އުފަން ދުވަހުގެ ހަދިޔާ އެކެވެ. މި ހަދިޔާ ދިން ކަން އިއުލާންކޮށްފައި ވަނީ ސާޖިދުގެ އަންހެނުން ވަރްދާ ކުރި ޓުވީޓެއްގަ އެވެ.

"މިއޮތީ އުފަން ދުވަހުގެ ހަދިޔާ. މި ހަދިޔާ މަތިން އުމުރު ދުވަހަށް ވެސް ހަނދާން ހުންނާނެ. އުފާކުރޭ. ސާޖިދު ނަދިއަދްވާލާ ވަނީ މި ފިލްމުގައި ޖެކްލީން އަށް ޚާއްސަ ރޯލެއް ހިމަނާފައި. 'ކިކް 2' ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. މަރުހަބާ،" ވަރުދާގެ ޓުވީޓްގައި ލިޔެފައި ވެއެވެ.

ވަރުދާ ބުނި ގޮތުގައި މި ފިލްމުގެ ސްކްރިޕްޓް ސާޖިދު ފައިނަލް ކުރީ ފަތިހެއްގަ އެވެ. އަދި ބަތަލާއަކަށް ޖެކްލީން ހަމަޖައްސައި އެކަން އިއުލާން ކުރީ ވެސް އެ ވަގުތު އެވެ.

ޖެކްލީން އާއި ސާޖިދަކީ ވަރަށް ކުރިއްސުރެ ދެ އެކުވެރިންނެވެ. މި ދެ ފަންނާނުންގެ މެދުގައި އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއް ތަންކޮޅެއް ކުރިން ބޭއްވި ކަމުގެ ޚަބަރުތަކެއް ވެސް އިވުނެވެ.

ބެލެވޭ ގޮތުގައި މި ފިލްމު ޖެކްލީން އަށް ލިބުމުގައި އެންމެ އިސް ދައުރެއް ކުޅެފައިވަނީ ސަލްމާން ޚާނެވެ. އިންޑިޔާ ލޮކްޑައުން އަށް ދިއުމުގެ ކުރިއްސުރެ ޖެކްލީން ދިރިއުޅެމުން އައީ ސަލްމާން ޚާނާއެކު އޭނާގެ ފާމް ހައުސްގަ އެވެ. އެހެންކަމުން މި ފިލްމު ޖެކްލީން އަށް ދޭން ސާޖިދު އަށް ބާރު އެޅީ ސަލްމާން ކަމަށް ބެލެވެ އެވެ.

ސާޖިދު އާއި ސަލްމާނަކީ އެ ދެ މީހުންގެ ކެރިއަރު ފެށުމުގެ މާ ކުރިއްސުރެ ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. ދެ މީހުން އެންމެ ޒުވާން ދުވަސްވަރު ކައިވެނި ކުރަން އުޅުނީ ވެސް އެއް ދުވަހެއްގައި އެކުއެކުގަ އެވެ. ނަމަވެސް ދިވްޔާ ބާރްތީ އާ ސާޖިދު ކައިވެނި ކުރިއިރު އެންމެ ފަހު ވަގުތު ސަލްމާން، ސަންގީތާ ބިޖިލާނީ އާ ކައިވެނި ނުކުރަން ނިންމީ އެވެ. އޭގެ ފަހުން ކައިވެނީގެ ވާހަކަ އަކީ ސަލްމާން އެއްގޮތަކަށް ވެސް ދައްކަން ބޭނުންވާ ވާހަކަ އަކަށް ނުވެ އެވެ.

ދިވްޔާ މަރުވުމުން ގިނަ ދުވަސް ތަކަކު ކައިވެންޏެއް ނުކޮށް ހުރުމަށްފަހު ސާޖިދު ކައިވެނި ކުރީ އޭރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ވަރްދާ އާ އެވެ.