ދުނިޔެ

ބައިޑަންގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް

Aug 12, 2020

ވޮޝިންގްޓަން (އޯގަސްޓް 12) - މިއަހަރު ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ޖޯ ބައިޑަންގެ ރަނިން މޭޓަކަށް ކަމަލާ ހެރިސް ހަމަޖައްސަވައިފި އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ކަޅު ނަސްލުގެ އިންޑިއާ ދަރިކޮޅުގެ އަންހެނަކަށް މިފަދަ ޝަރަފެއް ދެވުނު ފުރަތަމަ ފަހަރެވެ. މިހާރު ކެލިފޯނިއާ ސްޓޭޓް ތަމްސީލު ކުރައްވައި ސެނެޓަރު އަދި ކުރީގެ ބަންޑާރަ ނައިބު ކަމަލާ ހެރިސް އަކީ ޖަމާއިކާގެ އިތުރުން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.

އަދި އޭނާއަކީ ނައިބު ރައީސްގެ ކެންޑިޑޭޓުކަމަށް ހަމަޖެއްސި ތިން ވަނަ އަންހެން ބޭފުޅާ އެވެ.

އަންނަ އޮކްޓޯބަރު މަހު ކަމަލާ ހެރިސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓް އަދި ނައިބު ރައީސް މައިކް ޕެންސާ ދެކޮޅަށް ބަހުސް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރަނިން މޭޓަކަށް އަންހެނަކު ހަމަޖައްސަވާނެކަމަށް ބައިޑަން ވަނީ މިދިއަ މާޗް މަހު ވަނީ ވިދާޅުވެފަ އެވެ. އަދި ކަމަލާ ހެރިސް ފަދަ ކަޅު ނަސްލުގެ ބޭފުޅަކު ހަމަޖައްސަވާފައިވަނީ، ކަޅު ނަސްލުގެ މީހުނާ ދެކޮޅަށް ފުލުހުން ކުރާ އަނިޔާއާ ދެކޮޅަށް އެމެރިކާގައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކަމަލާ ހެރިސް، 55 ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވައިފަ އެވެ. އަދި ޕްރައިމަރީގައި ހެރިސް ވަނީ ބައިޑަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކަމަލާއަށް ރަނިން މޭޓުކަން ދެއްވި ހަބަރާއެކު ރައީސް ޓްރަމްޕް ވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. އަދި ޑިމޮކްރެޓިކް ޕްރައިމަރީގެ ތެރެއިން ބައިޑަންގެ ގަދަރުކުޑަވާ ގޮތަށް ކަމަލާ އެތަކެއް ފަހަރު ވާހަކަ ދައްކަވާފައިވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.