ބިދޭސީން

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ނެރެފި

Aug 12, 2020
3

ބިދޭސީން ގެނެވޭނެ ގޮތާއި އެ މީހުން އަމަލު ކުރަންޖެހޭ މިންގަނޑުތައް ބަޔާންކޮށް، ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދެއް ނެރެފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުން މިއަދު އާއްމު ކުރި "ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" ހަދާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނު ދަށުންނެވެ. ވަޒީފާ އަދާ ކުރުމަށް ބިދޭސީއަކު ދިވެހިރާއްޖެ އަށް ގެނައުމުގެ ކުރިން، އެ ބިދޭސީއަކަށް ވަޒީފާ ދިންކަން އެންގުމަށްޓަކައި، ވަޒީފާދޭ ފަރާތުން "ލެޓާ އޮފް އެޕޮއިންޓްމަންޓް" އެ ބިދޭސީއަކާ ހަވާލު ކުރަން ޖެހެ އެވެ. މި ގަވާއިދުގައިވާ ގޮތުން ބިދޭސީއަކު ވަޒީފާ އިން ވަކި ކުރުމުގައި އަމަލު ކުރަން ވާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ހުއްދަތައް ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާނީ، ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށެވެ.

މި ގަވާއިދުގައިވާ ގޮތުން ކޯޓާ ދޫކުރެ ވޭނީ، ކޯޓާ ފީގެ ގޮތުގައި އަހަރު 2،000ރ. ގެ ފީއެއް މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދައްކައިގެނެވެ. ނަމަވެސް، އިގްތިސޯދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް މިނިސްޓަރަށް ގެނެވޭނެ އެވެ.

ގަވާއިދުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އަދި ވަޒީފާ ދޭ ފަރާތް، މަގާމް، ވޯކް ސައިޓް ބަދަލުވުމުގައި އަމަލު ކުރަން ޖެހޭ އުސޫލު ބުނެދީފައިވެ އެވެ.

ބިދޭސީން ގެނައުމުގައި ޑިޕޮސިޓް ބެހެއްޓުމާ ބެހޭ ތަފުސީލް ވެސް މި ގަވާއިދުގައިވެ އެވެ. ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެންނަ ފަރާތްތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީގައި ޑިޕޮޒިޓެއް
ބަހައްޓައިގެންނެވެ. ޑިޕޮސިޓް ނަގާނީ "ޑިޕޮޒިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު" އާ އެއްގޮތުގެ މަތިންނެވެ.

ބިދޭސީންނަށް ވަޒީފާ ދިނުމުގެ މި ގަވާއިދުގައިވާ ގޮތުން، ބިދޭސީއަކު ވަޒީފާގައި ހުންނަ މުއްދަތުގައި، "އެކަމަޑޭޝަން" ވަޒީފާދޭ
ފަރާތުން ހަމަޖައްސައިދޭން ޖެހެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 200،000 އެއްހާ ބިދޭސީން އުޅެ އެވެ. މީގެތެރެއިން 70،000 ބިދޭސީން އުޅެނީ ގަވާއިދާ ހިލާފަށެވެ. ސަރުކާރުން ވަނީ އިގްތިސޯދު ދަށްވެ އެމީހުންގެ މައްސަލަތައް ބޮޑުވެފައިވާތީ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ތަކެއް ކުރަމުންނެވެ.