ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ފެންނަނީ ދައުލަތް ހިންގާނެ ގޮތް ނޭންގިގެން އުޅޭތަން"

މިހާރު ފެންނަމުންދަނީ އެމްޑީޕީއަށް ދައުލަތް ހިންގާނެ ގޮތް ނޭނގިގެން އުޅޭތަން ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ނުދެއްކިގެން ސޮވެރިން ޑިފޯލްޓް އަކަށް ނުދާނެ ކަމުގެ ޔަގީންކަން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ނަމަވެސް ދަރާފާނެ ހާލަތުގައި ރާއްޖެ ނެތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ހާލަތަކަށް ދިވެހި ދައުލަތް ތައްޔާރުވެފައިވާ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ މިހާރު ފެންނަމުންދަނީ އެމްޑީޕީއަށް ދައުލަތް ހިންގާނެ ގޮތް ނޭނގިގެން އުޅޭތަން ކަމަށެވެ.

"މި ފެންނަނީ މޮޅު ޕްލޭނެއް އޮތްކަމަށް ބުނެ ވެރިކަން ހޯދި އެމްޑިޕީއަށް ދައުލަތް ހިންގާނެ ގޮތް ނޭނގިގެން އުޅޭތަން،"

ޖަމީލް ވަނީ ޗައިނާ ނޫން އެހެން ގައުމުތަކުން ހޯދާ ލޯނު ދަރަންޏަށް ނުވަނީތޯވެސް ސުވާލު އުފައްދަވާފައެވެ.

"ޗައިނާ ލޯނުތަކުގެ ފައިދާ ރައްޔިތުންނަށް ބޮޑު. އިތުރު މޮޅު ގޮތެއް އެމްޑީޕީއަށް ބުނެއެއް ނުދެވޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ދަރަނި މެނޭޖް ނުކުރެވޭ ވަރަށް ޗައިނާއިން ލޯނި ނެގި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

މަޖިލީހުގެ އިއްޔެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ދަރަނީގެ ދަންތުރައަކަށް ރާއްޖެ ހަދާފައިވާ ކަމަށެވެ. ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އަދަދު ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށެވެ. އެ ދަރަނިތައް ދައްކާނީ ރާއްޖޭގެ ކޮން މުދަލެއް ވިއްކައިގެންތޯ ކުރީގެ ދެ މިނިސްޓަރުންނަށް އަމާޒު ކުރައްވައި އީވާ ސުވާލު ކުރެއްވި އެވެ.

މާލެއާއި ހުޅުމާލޭގައި ޗައިނާގެ ލޯނުތަކުން ހިންގާފައިވާ މަޝްރޫއުތަކަށާއި ހުޅުލޭގައި އޮންނަ ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި އެ ލޯނުތަކުގެ އެހީގައި ހިންގާފައިވާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ، މާލެ ސަރަހައްދުގެ ބިންތަކުން ޗައިނާއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރާ ގާތަށް ދަރާފައިވާ ކަމަށެވެ.

"ޗައިނާގެ ދަރަނީގެ ދަންތުރަކަށް މި ރާއްޖެއަށް ހަދައިފި، ކުރީގެ ދެ ފިނޭންސް މިނިސްޓަރުން މި ކަމުގައި ޒިންމާ ނަގަން ޖެހޭނެ، ޖިނާއީ ދައުވާ ވެސް ކުރަން ޖެހޭ،" އީވާ ވިދާޅުވި އެވެ.

އީވާގެ އެ ވާހަކަތައްވެސް ޖަމީލް ވަނީ ރައްދު ދެއްވާފައެވެ.

"މަޖިލީހުގެ ޑްރާމާއިން ފެނިގެން މިދަނީ ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން ބޯދަމައިގަނެވޭނެ އުޒުރެއް ހޯދޭތޯ އުޅޭތަން،" މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީވާ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

މި ފެންނަނީ މޮޅު ޕްލޭނެއް އޮތްކަމަށް ބުނެ ވެރިކަން ހޯދި އެމްޑިޕީއަށް ދައުލަތް ހިންގާނެ ގޮތް ނޭނގިގެން އުޅޭތަން. ޗައިނާ ނޫން އެހެން ތަންތަނުން ހޯދާ ލޯނު ދަރަންޏަށް ނުވަނީބާ؟ ޗައިނާ ލޯނުތަކުގެ ފައިދާ ރައްޔިތުންނަށް ބޮޑު. އިތުރު މޮޅު ގޮތެއް އެމްޑީޕީއަށް ބުނެއެއް ނުދެވޭ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތަށް ނެގި ބައެއް ލޯނުތަކާއި ދައުލަތުން ދޫކުރި ގެރެންޓީތަކުގެ އަދަދުތައް ސާފުނުވާ ކަމަށް ބުނެ މަޖިލީހުގެ އިއްޔެގެ އެ ކޮމިޓީއަށް މިނިސްޓަރު އަމީރުގެ އިތުރުން ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ހާޒިރުކުރި އެވެ. އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ހާޒިރުވެ އިންނެވިއިރު އޮންލައިންކޮށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ އިން ލޯނު ނަގަނީ އެ ލޯނުތައް ދައްކަން ދިގު މުއްދަތެއް ލިބިފައި އިންޓްރެސްޓް ރޭޓް ކުޑަވުމުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު ވަނީ ކުރީ ސަރުކާރު ދިފާއު ކުރައްވާފައެވެ.

ޖިހާދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ޗައިނާ އިން ލޯނު ނަގަން ނިންމީ ދުނިޔޭގެ އެއްވެސް ތަނަކުން އެހާ ލުއިކޮށް ލޯނު ލިބެން ނެތުމުން ކަމަށެވެ.

"ކީތް ވެގެންތޯ ޗައިނާ އިން ލޯނު ނަގަނީ... އެ ލޯނުތަކުން ދައުލަތް ދަރާފާނެއޭ... މިއީ ރަނގަޅު ސުވާލެއް ކުރަން! އަޅުގަނޑު ހުރިއިރު ޗައިނާ އެގްޒިމް ބޭންކްއިން ލޯނު ނެގިން. އެއް ކަމަކީ ބްރިޖަށް ބޭނުންވާ ލޯނު. އެއް ކޮންޕޯނެންޓްއަކީ ގްރާންޓް [ހިލޭ އެހީ] އަނެއް ކޮމްޕޯނެެންޓަކީ ލޯނު. އެހެން ނަމަވެސް އެއީ ސޮފްޓް ލޯނެއް. ދިގު މުއްދަތެއްގައި ވަރަށް ކުޑަ އިންޓްރެސްޓެއްގައި ޕޭކުރާ ލޯނެއް. އެވަރުގެ ލޯނެއް އެހެން ފަރާތަކުން ދޭން އަޅުގަނޑު ބެލިއިރު ނެތް،" ޖިހާދު ވިދާޅުވި އެވެ

ޖިހާދު ވިދާޅުވި ގޮތުގައި ޗައިނާގެ ލޯނު ތަކަކީ ދައުލަތަށް މާބޮޑު ބުރައެއް އަންނާނެ ކަންކަމެއް ނޫން ކަމަށެވެ.

"ޑެޓް މިބަލަނީ، ޑެޓް އޭސް ޕަސެންޓޭޖް ޖީޑީޕީ ޑެޓް ސާވިސް ރޭޝިއޯ. މި ހުރިހާ އެއްޗެއް ބަލާފައި ނޫން ގޮތަކަށް އެއްވެސް އެއްޗެއް [ލޯނު] އެއް އެޕްރޫވްކޮށްފައެއް ނޯންނާނެ. ކޮންމެ ފަހަރަކު އައިއެމްއެފް ކޮންސެލްޓެންޓުން އައިސް ހުރިހާ އެއްޗެއް ވަރަށް ތަފުސީލްކޮށް ބަލާނެ. ހުރިހާ ލޯނުތަކެއް،" ޖިހާދު ވިދާޅުވި އެވެ.

ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދު ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުން ވެސް ލޯނު ދިނުމުގައި "ސިންގަލް އެކްސްޕޯޝާ ލިމިޓް" އެއް އިންނާނެ ކަމަށެވެ. އަދި ވިދާޅުވީ ލޯނަކީ މިއަދު ވެގެން އުޅޭކަމެއް ނޫން ކަމަށާ، މިއީ ޒަމާނުއްސުރެން ފެށިގެން ވެސް އެކަން އޮންނަ ގޮތް ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ލޯނު ބޭނުންވި ނަމަވެސް ސިންގަލް އެކްސްޕޯޝާ ލިމިޓެއް އިނދޭ. ޗައިނާ ސަރުކާރުން ލޯނެއް ދުލެއް ނުކުރާނެ ސިންގަލް އެކްސްޕޯޝާ ކަންޓްރީ ލިމިޓަށްވުރެ މައްޗަކަށް. ޗައިނާ ސަރުކާރުން ވެސް ލޯނު ދިން ނަމަވެސް ލިމިޓްގައި ހިފަހައްޓާނެ. އެއީ ސައޫދީ ކަމަށްވިއަސް ގަތަރު ވިއަސް ޔޫއޭއީ ވިއަސް،" ޖިހާދު ވިދާޅުވި އެވެ.