ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫރިޒަމް އޮޑިޓް: ނުގުޅޭ ބޮޑެތި ހަރަދުތަކެއް

ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް އެ މިނިސްޓްރީން ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ސޮއިކުރައްވާ، ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދުކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައްވެސް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ވަކިވަކި ކަންކަމަށް ހަރަދުކުރާނެ ފައިސާ އަދަދު ކޮމެޓީން ފާސްކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ. ކޮވިޑްގެ ތެރޭގައި އެ މިނިސްޓްރީން އެކި ކަންކަމަށް 26،212،727 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅޭ ހަރަދުތަަކަށް ފަންޑުން ހަރަދުކުރާނެ ޖުމްލަ އަދަދެއް ކަނޑައެޅުމުގެ ކުރިން ޕްރޮކިއުމަންޓްގެ ކަންކަންވެސް ހިންގާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި ތާމަލް އިމޭޖިން ކެމެރާ ބެއްޓުމާ ގުޅޭ މަޝްރޫއުގެ ތެރެއިންވެސް ގޯސްކޮށް ހިނގާފައިވާ ގިނަ ކަންތައްތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އެކި އެއާޕޯޓްތަކުގައި ޖުމްލަ ހަތް ކެމެރާ ހަަރުކޮށްފައިވެއެވެ. އެ މަސައްކަތަށް 2،361،340 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޮޑިޓްގައި ބުނެފައިވަނީ މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އަދި ދެ އެއާޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއްވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ލަފާދޭނެ ދެ މީހަކު ގެނެސް އެ މީހުންގެ ކޮންސަލްޓަންސީ ފީގެ ގޮތުގައި 50،000 ޑޮލަރު ނުވަތަ 771،000 ރުފިޔާ އެ ދެ މީހުން ނިސްބަތްވާ ކުންފުންޏަށް ދައްކާފައިވާ ކަމަށާ އަދި މި ހަރަދާގުޅޭ ވިތްހޯލްޑިން ޓެކުގެ ގޮތުގައި 85،666 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފައިސާ ދެއްކުމުގައި އެސްޓީއޯ މެދުވެރިކޮށްފައިވުމާއި އެ ތަކެތި ގަނެފައިވަނީ އެސްޓީއޯއިންކަން ދައްކަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އޮޑިޓްގައި ބުނެފައިވެއެވެ.

އަދި ކަނޑައެޅިފައިވާ އުސޫލިތަކާއި ހިލާފަށް މަސައްކަތް ހަވާލުކޮށްފައިވާއިރު ކަން ހިނގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިޔުންތަކުން ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ޓޫރިޒަމްގެ އޮޑިޓްގައި ބުނެއެވެ. މީގެ އިތުރުން އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަންކަން ފުރިހަމަނުވުމާއި އެއްބަސްވުމުގައި ބޭނުންކޮށްފައިވާ އަގަށްވުރެ އިތުރަށް ފައިސާވެސް ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފައިސާ ދޫކޮށްފައިވުމާއި ފައިސާ ދެއްކުމަށް އެސްޓީއޯ މެދުވެރިކޮށްވާ ކަމަށްވެސް ޓޫރިޒަމްގެ އޮޑިޓްގައި ބުނެއެވެ. އަދި އެންޑީއެމްއޭ އިން ހޯދަން އެދުނުނު އަދަދަށްވުރެ އިތުރަށް ތަކެތިު ގަނެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެ އަދަދުތަކާއި އިތުރަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލްވެސް އޮޑިޓްގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ގެނެސްފައިވަނީވެސް ބޭނުންވާ ފެންވަރުގެ ތަކެތިކަން ޔަގީންކޮށްފައިނުވުމާއި ރާއްޖެއިން ބޭރުން ގެނައި މެޑިކަލް ރެސްޕޮންސް ޓީމަށް ކުރި ހަރަދުތަކުގެ ތެރެއިންވެސް ގިނަ ގޯސްތަކެއް ފާހަގަވެފައިވާ ކަމަށް އޮޑިޓްގައިވެއެވެ.

އެގޮތުން މަސައްކަތް ހަވާލުކުރި ފަރާތުގެ ފަންނީ އަދި މާލީ ގާބިލްކަން ބަލާފައިނުވުމާއި ހުއްދައަށް އެދުނު މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްފައިވުމާއި އެންޑީއެމްއޭއިން އެދިފައިވާ ގޮތަށް މެޑިކަލް ޓީމް އެކުލަވާނުލާ އެ ޓީމާ ހަވާލުކުރީ ކޮން މަސައްކަތެއްކަން ނޭންގުމާއި ކުރި މަސައްކަތްތަކުގެ ރެކޯޑްވެސް ބަލަހައްޓާފައިނުވުން ހިމަނާފައިވެއެވެ. އަދި އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަންކަންވެސް ފުރިހަމަ ކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ހިދުމަތް ނުލިބެނީސް އެޑްވާންސްކޮށް ފައިސާ ދައްކާފައިނުވުމާއި އެ ހަރަދުތަކުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން ޖުމްލަ 7،918،863 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓްގައި ބުންޏެވެ.