ދިވެހި ސިނަމާ

ނީނާގެ ފުރަތަމަ ޓީޒާ ދައްކާލައިފި

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

"ބަވަތި" ގެ ނަމުގައި ގެނެސްދިން ފީޗާ ފިލްމާއެކު ގިނަ ބައެއްގެ ލޯ އަމާޒުވި އިއްލެގެ ދެވަނަ ފީޗާ ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކުރީ މިއަދު މެންދުރުފަހުއެވެ. ޓީޒާއިން ފިލްމުގައި އެންމެ މުހިންމު ތަރިއެއްގެ ގޮތުގައި ފެނިގެންދާ ނުޒުހަތު ޝުއައިބުގެ ތަފާތު މަންޒަރުތަކެއް ފެނިގެން ދެއެވެ.

ހާއްސަކޮށް އެންމެ ފަހު މަންޒަރެވެ.

މި ފިލްމުގައި ނުޒޫ ފެނިގެން ދާނީ ތަފާތުކޮށްކަން މިއަދު އާންމުކުރި ޓީޒާއިން ވަނީ ޔަގީން ކުރެވިފައެވެ. މާޝަލް އާޓްސް ދަސް ކުރުމުގެ މަސައްކަތް ކުރަނިކޮށް ނުޒޫ ނަގާފައިވާ ބައެއް ފޮޓޯތައް އައި ފިލްމްސްއިން މީގެ ކުރިންވެސް ވަނީ އާންމުކޮށްފައެވެ.

މި ފިލްމުގައި ޖުމައްޔިލް ނިމާލާއި، މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ)ވެސް ވަރަށް ހާއްސަ ރޯލަކުން ފެނިގެންދާނެއެވެ. އަދި ކުރީގެ ކުޅަދާނަ ފިލްމީ ތަރި މަރިޔަމް ރަޝީދާ މި ފިލްމުން ފެނިގެން ދިއުމަކީވެސް ހާއްސަ ކަމެކެވެ. މި ފިލްމަށް މުޅިން އަލަށް ދެ ތަރިން ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން "ބަވަތި"ން ފެނިގެންދިޔަ ބައެއް ތަރިން ވެސް ފެނިގެންދާނެ އެވެ.

"ނީނާ" ލިޔެފައިވަނީ ވެސް އިއްލެ އެވެ. މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.