ޖަނަވަރީ މަހު ފަހު ކޮޅު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމާ ހަވާލުވި ހޮލެންޑްގެ މާޓިން ކޫޕްމަން އާއެކު އެފްއޭއެމުން ސޮއި ކުރީި، ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ކޫޕްމަން އަށް ހުންނަން މިޖެހުނީ މަސައްކަތެއް ނެތި އަތް އުރާލައިގެންނެވެ. މިއީ ފުޓްބޯޅައިގެ ޕެޝަން ހުރި މީހަކަށް މާޔޫސްކަމާއި ފޫހިކަން މެދުވެރިވާނެ ސަބަބެކެވެ. މާޗް މަހު ޗައިނާ އާއި ސީރިއާ އާ ދެކޮޅަށް ގައުމީ ޓީމު ކުޅެން އޮތް މެޗަށް ތައްޔާރުވާން ފެބުރުއަރީ މަހު އޭނާ އާއި އޭނާގެ ޓީމު މަސައްކަތް ފެށި އެވެ.
ޑިސެމްބަރު 19 ވަނަ ދުވަހު، ޗައިނާގެ ވުހާން އިން ފެނުނު ކޮވިޑް-19 ގެ ބަލިމަޑުކަން އައިސް ރާއްޖޭގެ ފަސްގަނޑަށް ބީއްސާލީ މާޗް މަހު އެވެ. ކޫޕްމަން އާއި ޓީމުގެ މަސައްކަތް ހުއްޓުނީ އެވެ. އޭޕްރީލް 15 ގައި މާލެ ފުލު ލޮކްޑައުންއަކަށް ދިއުމުން، ގާތްގަނޑަކަށް ތިން މަސް ދުވަސް ކޫޕްމަން ހޭދަ ކުރީ އޭނާ ދިރިއުޅޭ ހޮޓަލްގަ އެވެ. މިއީ އޭނާގެ އެއްބަސްވުމުގެ ފުރަތަމަ އަހަރުގެ ހުލާސާ އެވެ.
ޖޫން މަހު ގައުމީ ޓީމުގެ ޕްރެކްޓިސްތައް އަނެްކާވެސް ފެށީ އޮކްޓޯބަރު ނޮވެމްބަރަށް ރާއްޖޭގެ މެޗުތައް ރީޝެޑިއުލް ކުރުމުންނެވެ. ހަމަގައިމުވެސް އޭނާގެ ފުރަތަމަ އަހަރު ރާއްޖެ އިތުރަށް ކުޅޭނެ އޮފިޝަލް މެޗެއް މިހާރަކު ނެތެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ މެޗުތައް ފީފާ އާއި އޭއެފްސީން ވަނީ އަންނަ އަހަރަށް ފަސް ކޮށްފަ އެވެ. ރާއްޖެއަށް އައިސް ކޫޕްމަން މިހާތަނަށް ހާސިލު ކުރެވުނީ އޭނާ އަމިއްލަ ޗެލެންޖެކެވެ. އޭޕްރީލް މަހު މާލެ ފުލު ލޮކްޑައުން ކުރުމުން، އޭނާ ދިރިއުޅޭ ހޮޓަލުގެ ޓެރަސްގައި ކަސްރަތުކޮށް އޭނާ ވަނީ 11 ކިލޯ ލުއި ކޮށްލާފަ އެވެ.
އެކިފަހަރު މަތިން ގާތްގަނޑަކަށް ތިން މަސް ދުވަހު ކުރި ޕްރެކްޓިސްތަކުން ކޫޕްމަން އޭނާގެ ޓީމާ ބެހޭގޮތުން ކަންތައްތަކެއް ދެނެގަނެވިއްޖެ އެވެ. ރާއްޖޭގެ ވަޒީފާގައި އޭނާއަށް އަދި މިހާތަނަށް ހޯދުނު ހަމައެކަނި ހިތްހަމަޖެހުމަކީ އެއީ އެވެ.
"އަހަރެންގެ ޓީމު ވަރަށް ޑިސިޕްލިން، އެ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ފައިޓިން ސްޕރިޓެއްގައި،" އަވަސް އަށް ދިން އިންޓަވިއުގައި ކޫޕްމަން ބުންޏެވެ. "ދެ ވަނަ ފަހަރަށް އަހަރެމެން ޕްރެކްޓިސްތައް މެދުކަނޑާލަން ޖެހުނީމަ، އަކުރަމް [އަބްދުލް ގަނީ] އަހަންނަށް މެސެޖު ކޮށްފަ ބުނި ކޯޗޭ ތިމަންނަމެން ބޭނުމޭ ގޭގައިވެސް ޕްރެކްޓިސް ކުރަން، ތިމަންނަމެންނަށް ހޯމްވޯކެއް ދޭށޭ. އޭގެއިން އަންގައިދެނީ އެ ކުޅުންތެރިން އިތުރަށް ވަރުގަދަވާން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަމިއްލައަށްވެސް ބޭނުންވާކަން، އެއީ އެ ކުޅުންތެރިންނާމެދު އަހަރެން ވަރަށް ގަޔާވާ ކަމެއް."
އެފްއޭއެމްގެ ޓެކްނިަކަލް ޑައިރެކްޓާ ޖުދާން އަލީ، ދިން ދައުވަތަކަށް ރާއްޖޭގެ ކޯޗްގެ މާގަމަށް އައުމުގެ ކުރިން ކޫޕްމަން މަސައްކަތް ކުރީ އޭނާގެ އަމިއްލަ ގައުމު ހޮލެންޑްގެ ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ އަރޫބާގަ އެވެ. ކެރީބިއަން ކަނޑުގެ ކުޑަ ޖަޒީރާ ގައުމެކެވެ. އޭނާ ބުނީ އޭނާގެ ކުޅުންތެރިންނެގޭ އެއްގޮތަށް މުޅި ޕަބްލިކު އެކުގައި ޑިސިޕްލިންވެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލަނބާނަމަ، މިހާލަތުން މިހާރު އަރައިގަނެވުނީސް ކަމަށެވެ. ދެ ވަނަ ފަހަރަށްވެސް ކޮލިފިކޭޝަން މެޗުތައް ސަސްޕެންޑް ކުރަން ޖެހުނީ ގައުމުތަކުގެ ހާލަތައް ކުރިއެރުމެއް އަސްފައި ނުވުމުންނެވެ.
"މިހާރު ދެން އޮތްގޮތަކީ ފްރެންޑްލީ މެޗުތަކެއް ކުޅުން އަވޭވިޔަސް ނުވަތަ ހޯމް މެޗުތަކެއް ވިޔަސް،" ކޫޕްމަން ހިޔާލު ފާޅު ކުރި އެވެ. "[އެފްއޭއެމްގެ ރައީސް] ބައްސާމް ކައިރީ އަހަރެން ބުނެފިން ހިނގާށޭ މެޗުތަކެއް ކުޅެން ސައުދީ، ޔޫއޭއީ، ގަތަރު އަދި އޮމާން ކަހަލަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެންވީ، އޭރުން އަހަރެމެންނަށް އިތުރަށް ކަންކް ދަސް ކުރެވޭނެ، ބައްސާމް ދަނީ އެކަމަށް މަސައްކަތް ކުރަމުން."
ކޫޕްމަންގެ މަސައްކަތާ މެދު ބައްސާމްގެ ހިތްހަމަ ޖެހުން އެބައޮތެވެ. އޭނާ ވަނީ ސީނިއާ ކުޅުންތެރިންނާ ހަވާލާ ދިނުމަށް ފަހު ކޫޕްމަންގެ މަސައްކަތް ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. "އަކުރަމް އާއި އަޝްފާގް އަދި ސީނިއާ ކުޅުންތެރިންގެ ކައިރީގައި އަޅުގަނޑު އަހާލިން ކިހިނެތްހޭ ކޯޗްގެ މަސައްކަތް، އެ ކުޅުންތެރިން ފާހަގަ ކޮށްފައި ވަނީ ވަރަށް ހިތްހަމަޖެހޭ ކަމަށް ކޯޗް ކުރިއަށްގެންދާ ގޮތާމެދު." އަވަސް އޮންލައިންގެ މޯނިންގް ޝޯ "ފަށަމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވި އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން ވެސް ފާހަގަ ކޮށްފައިވަނީ ކޫޕްމަންއަކީ އެހެން މީހޫންގެ ހިޔާލުތައްވެސް އަޑުއަހާ ކޯޗެއް ކަމުގަ އެވެ. އޭނާ މިސާލެއްގެ ގޮތުގައި ދެއްކީ، ގްރީން ސްޓްރީޓްގެ މުހައްމަދު އުމޭރު އާއި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ގައުމީ ސްކޮޑަށް ނެގުމުގެ މަރުހަލާއަށެވެ. ކޫޕްމަން އާއި އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކް އެކުލަވާލި ސްކޮޑުގައި އެންމެ ފުރަތަމަ އުމޭރު އާއި ސައްޓުގެ ނަމެއް ނެތެވެ. އެސިސްޓެންޓް ކޯޗަކަށް ސުޒޭން އޭރު ހަމަ ނުޖައްސަ އެވެ. ސުޒޭން އެސިސްޓެންޓް މަގާމާ ހަވާލުވެ، އުމޭރު އާއި ސައްޓު ޓީމަށް އިތުރު ކުރުމަށް ހުށަހެޅި އެވެ. ސްކޮޑު އިއުލާން ކުރި ފަހުން، ޓީމަށް އަނެއްކާވެސް ބަދަލު ގެނެސް އެ ދެ ކުޅުންތެރިން ހިމައިގެން އަލުން ދެ ވަނަ ފަހަރަށް ސްކޮޑު އިއުލާން ކުރި އެވެ.
"އެކަހަލަ ކަންކަން ސަމާލުކަމަށް ގެނައީމަ ނެޝަނަލް ޓީމުގެ ހެޑް ކޯޗަކަށް އެ ހުންނަ މީހަކު އެ ބަދަލުތައް ގެނައުމުން އެއްގޮތަކަށްވެސް އޭނާ ދެރަވީ ނޫންކަން މާޓިން ކޫޕްމަން ސާބިތު ކޮށްދިނީ،" އެމްވީ ޕްލަސްގެ ޑެލީ ޝޯގައި ފެބްރުއަރީ މަހު ވާހަކަ ދައްކަމުން ސުޒޭން ބުނެފައި ވެއެވެ. "އެހެންވީމަ ވަރަށް ހަންބުލް ޑީލް ކުރަން ފަސޭހަ ކޯޗުންކަން އުފަލާއެކު އަޅުގަނޑު ފާހަގަ ކޮށްލަން."
ރާއްޖޭގެ ގައުމީ ޓީމު ކުޅުވަން ކޫޕްމަން ބޭނުންވަނީ ތިރިން ޕާސް ޖަހައިގެން ކުޅޭ ހަލުވި ގޭމެއްކަމަށް އެކިފަހަރުމަތިން އޭނާ ވަނީ ބުނެފަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދިވެހި ކުޅުންތެރިންނާ އެންމެ ގުޅޭނެ ސްޓައިލްއަކީ އެއީ އެވެ. އެހެންނަމަވެސް އޭނާގެ އަމިއްލައަށް އެކަން ނިންމަން އޭނާ ދޫކޮށް ނުލާ ކަމަށް ކޫޕްމަން ބުންޏެވެ.
"އަހަރެން ކުޅުންތެރިންނަށް ކިޔައިދީފައި ވާނީ މިހެން މިހެނޭ ޗައިނާއާ ދެކޮޅަށް ކުޅެން ޖެހޭނީ، އެއީ އޭ އަހަރެން ކުޅެން ބޭނުންވާ ގޮތަކީ، އެކަމަކު އަހަރެން އަހިން ކުޅުންތެރިންގެ ގާތު އެ ކުޅުންތެރިން ކޮންގޮތަކަށް ހޭ ކުޅެން ބޭނުން ވަނީ،" ކޫޕްމަން ބުންޏެވެ. "އެ ކުޅުންތެރިން ބުނަނީ ތިމަންނަމެން ކުޅެން ބޭނުންވަނީ ރީތި ގޭމްއެކޭ، އެހެންވެ އަހަރެން ބުނިން، އެހެން ވެއްޖެއްޔާ އަހަރެން ފޮލޯ ކުރާށޭ، ކުޅުންތެރިން މުޅި ވިސްނުން އަހަރެން ބޭނުމޭ މިކަމަށް ފޯކަސް ކުރަން، އޭރުން އަހަރެމެންގެ ކުޅުންތެރިން އިތުރަށް ތަރައްގީ ވާނީ."
ގައުމީ ޓީމާ ދައުރު ކުޅުންތެރިންނަށް، ކޫޕްމަން ވިސްނައިދީފައި ވަނީ ކުޅުންތެރިންގެ އައީލީ ބައެއްގެ ގޮތުގަ އެވެ. އަމިއްލަ އާއިލާއަށްޓަކައި އޮންނަ ޒިންމާ ގައުމީ ޓީމަށްޓަކައިވެސް ބޭއްވުމަށް އޭނާ ކުޅުންތެރިންގެ ކިބައިން އެދެ އެވެ.
"ކޮންމެ ދުވަހަކު އާއިލާއާއެކު ވަގުތު ހޭދަ ކުރާހެން އެ ސަމާލުކަން މި އާއިލާއަށްޓަކައިވެސް ދިނުން، ސަބަބަކީ މިއީވެސް އާއިލާއެއް،" ކޫޕްމަން ވާހަކަ ދެއްކި އެވެ. "އެހެންވީމަ މި އާއިލާއާ އެކުވެސް ވަގުތު ހޭދަ ކުރާއިރު އެބަޖެހޭ އުފަލުގައި ހުންނަން، އޭރުން މި އާއިލާއާއެކު ކުރާ މަސައްކަތަށް އެންމެ ފުރިހަމައަށް ސަމާލުކަން ދެވޭނީ."
"އަހަރެން ބޭނުން ވަނީ ހަގީގީ އަކުރަމް، ހަގީގީ ހަމްޒާ [މުހައްމަދު ހަމްޕް]، ހަގީގީ ރިލްވާން [ބެން] ހަގީގީ ނޫމާން [ހެލްމެޓް] އަދިވެސް އެހެން ކުޅުންތެރިން އެ ކުޅުންތެރިންގެ އާއިލާއަށްޓަކައި ވާ ހަގީގީ ގުރުބާނީ މި ޓީމަށްޓަކައިވެސް ވާން، އޭރު އަހަރެމެންނަށް ވަރަށް ބޮޑު ފިޔަވަޅެއް ކުރިއަށް އެޅޭނެ."