ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއަކީ ހަމަޖެހުމާއި އުންމީދުގެ ގައުމެއް: ރައީސް

Aug 15, 2020
3

ރާއްޖޭގެ މިހާރުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮންނަ އިންޑިއާއަކީ ހަމަޖެހުމާއި ކުރިއެރުން އޮތް ވަރަށް އުއްމީދީ ގައުމެއް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިިބްރާހިމް މުހައްމަދު ސޯލިހު ސިފަ ކުރައްވައިފި އެވެ.

އެ މަނިކުފާނު އެފަދަ މޭރުމަކުން އިންޑިއާ ސިފަ ކުރެއްވީ އެ ގައުމުގެ 74 ވަނަ މިނިވަން ދުވަހާ ގުޅުވައި އެ ގައުމުގެ ބޮޑު ވަޒީރަށް ފާހަގަ ކުރެއްވޭނެ ގޮތަށް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ސޯލިހް ކުރެއްވި އެ ޓުވީޓްގައި އިންޑިއާ ގައުމެއްގެ ގޮތުގައި ކުރިއަށް ހިނގާން ފެށިތާ 73 އަހަރުވެފައިވާ ކަމަށާއި އޭރުއްސުރެ އިންޑިއާއިން މަސައްކަތް ކުރަނީ ހަަޖެހުމާއި ކުރިއެރުމާއެކު ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އިންޑިއާގައި ޑިކޮމޮކްރަސީގެ އުސޫލުތައް ވަރުގަދަ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހުގެ ޓްވީޓް

އިންޑިއާގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އިންޑިއާގެ ރައްޔިތުންނަށާއި ރައީސް ރާމްނާތު ކޯވިންދާއި ރާއްޖެ އާއެކު ގާތް ކަމެއް ބާއްވަމުން ގެންދަވާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރިސް ކުރައްވާފައި ވެއެވެ.

ކުރިން އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހީނަރުވެފައިވަނިކޮށް ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ދެ ގައުމުގެ ގުޅުން ވަނީ ބަދަހިވެފަ އެވެ. ފަހަކަށް އައިސް އިންޑިއާއިން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ގިނަ އެހީތަކެއް ވެސް ވަމުން ދެއެވެ. އަދި ރާއްޖެއިން އިންޑާއިން ގިނަ ލޯނުތަކެއް ވެސް ދަނީ ހޯދަމުންނެވެ. އެހީތަކުގެ ތެރޭ ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ލުއި ލޯނެއް ދިނުމާއި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު ގެ ޕެކޭޖެއް ދިނުން ހިމެނެ އެވެ.