ހއ. ހޯރަފުށި އެއާޕޯޓުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހޯރަފުށި އެއާޕޯޓުގެ ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަށްރަށަށް ދަތުރުކުރމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތްތަށް ބާރަށް ކުރިއަށް ދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އިންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށ ްވަނީ ނިންމާފަ އެވެ.
މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާ އަށް އެމްޓިސީސީންނެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.