ހަބަރު

އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހާއަށް ދައުވާކޮށްފި

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީޙާގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލައާއި ގުޅިގެން ރ. އަލިފުށި ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ އަލީ އަމީން ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ހުށަހެޅުމުން އަންހެން މީހާ އަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށްވެސް ވަނީ ގެންގޮސްފަ އެވެ. އަނގަޔަށް ލައްފިލުވާ އެޅި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާ ނުދެ އެވެ.

އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އެޅި ސަބަބެއް ސާފެއް ނުވެ އެވެ. ފަހަކަށް އައިސް އަންހެނުންނަށް އެކި ކަހަލަ އަނިޔާ ކުރާ މައްސަލަތައް އިތުރުވެފައިވީނަމަވެސް މިއީ މިފަހުން މިފަދަ މައްސަލައެއްގައި މިހާ ބޮޑެތި ދައުވާތަކެއް އުފުލި ފުރަތަމަ ފަހަރެވެ.