ހަބަރު

ވަކީލުން ރައީސް ޔާމީނާ ބައްދަލު ކުރަން ފުރުސަތު ދޭން އަމުރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ފަހުން އުފުލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެކެވެ. މި ދައުވާތަކުގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު އެމަނިކުފާނުގެ ވަކީލުން ވަނީ، ވަކީލުންގެ ބައްދަލުވުންތަކަށް ފުރުސަތު ނުދީ އަޑުއެހުން ބާއްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން އެ މަނިކުފާނުގެ ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަލަށް އައި ދައުވާތަކާއި އަދި އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގައި ވެސް މިހާތަނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި އެތައް ފަހަރަކު ވަކީލު ބައްދަލުވުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފޯމު ހުށަހެޅި ކަމަށާއި ނަމަވެސް އެ ފޯމު ބަލައި ނުގަތް ކަމަށް ވެސް ޖަމީލު ފާހަގަ ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހާއި މި މަހުގެ 15 ވަނަ ދުވަހާއި ދެމެދު ރައީސް ޔާމީންގެ ވަކީލުން، އެމަނިކުފާނާއި ބައްދަލު ކުރައްވަން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށާއު އެއީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށް ފަހު ކަރެކްޝަނަށް ހުށަހެޅުމުން އެމަނިކުފާނާއި މާފުށީ ޖަލުގައި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ.

އަދި ލިޔެ ކޔުންތައް ހަމަކޮށްގެން ވަކީލުން ހުށަހެޅުމުން މާދަމާގެ ވަގުތެއްގައި ވަކީލުންނާއި ބައްދަލު ކުރެއްވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށްވެސް ދައުލަތުން މިއަދު ވިދާޅުވި އެވެ.

ދައުވާ އިއްވަން ފުރުސަތު ދިނުމުން ދައުލަތުން އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަން ކޯޓުން ކަށަވަރުކޮށް ދިނުމަށެވެ. ފަހުން އިތުރު ލިޔުންތަކެއް ވެސް ރައީސް ޔާމީނާ ހަވާލު ކުރަން ފޮނުވާފައި ވާނެ ކަމަށް ދައުލަތުން ބުންޏެވެ.

މި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް މިހާތަނަށް އައި އިރު އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާ ކަމަށާއި އާ ދައުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެއްނެތި ވަކި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށެވެ. އަދި ލިޔެކިޔުންތައް ވަކީލުންނާއި ހަވާލު ކުރެއްވި ނަމަވެސް އެމަނިކުފާނާއި ވަކީލުން ބައްދަލު ނުވާތާ ދޮޅުމަސް ވެފައިވާ ކަމަށާއި އެހެންކަމުން އެއްވެސް ލިޔެ ކިޔުމެއް ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުން ވަނީ އިތުރު ލިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފަ އެވެ. މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލް ޖަމީލް ވިދާޅުވީ ދައުލަތުން ބުނާ އިތުރު ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީސް، އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ޖަމީލްގެ ވާހަކަތައް ހުއްޓުވައި ވަކީލުންގެ ބައްދަލުވުމަކަށް ފުރުސަތު ދިނުމަށް ކަރެކްޝަންގެ މައްޗަށް މިއަދު އަމުރެއް ނެރެދޭނެ ކަމަށް ވިދާޅުވެ ޝަރީއަތުގެ މަޖިލިސް ރޫޅާލައްވާފަ އެވެ.

އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް، ރައީސް ޔާމީން އާއީ ބައްދަލު ކުރެއްވުމަށް ފުރުސަތު ދެއްވުމަށްފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އޮންނާނެ ކަމަށްވެސް އިއުލާން ކުރެއްވެވި އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެމަނިކުފާނު ވަނީ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ.