ވިޔަފާރި

އެސްޓީއޯ ތެލުގެ އާމްދަނީއަށް 77 މިލިއަން އިތުރުވެއްޖެ

އެސްޓީއޯ އަށް ތެލުގެ ވިޔަފާރިން މިދިޔަ އަހަރު ލިބުނު އާމްދަނީ 77 މިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުނިންޏަށް ތެލުގެ ވިޔަފާރިން މިދިޔަ އަހަރު 6.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 4.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ތެލުން ލިބުނު އާމްދަނީއަށް 77 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އެ ކުންފުނިން ތެލުގެ ވިޔަފާރި ކުރަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށެވެ.

އެ ކުންފުނިން މިދިޔަ އަހަރު ތެލުގެ އާމްދަނީ މަތިކޮށްފައިވަނީ ރިޕޯޓުން ދެއްކި ގޮތުގައި ހިންގުމުގެ ހަރަދު ކުޑަކޮށްގެންނެވެ. އެ ކުންފުނިން މިދިޔަ އަހަރު ވަނީ ތެޔޮ ރައްކާކުރާ ކާރުހާނާ ކ. ފޮނަދޫގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއެއް ވެސް ހިންގާފަ އެވެ. މިހާރު ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން ވަނީ ދެ ގުނަ އިތުރުވެފަ އެވެ. މިދިޔަ އަހަރު 600 މިލިއަން ލީޓަރުގެ ތެޔޮ ވަނީ ރާއްޖޭއަށް އެތެރެކޮށްފަ އެވެ.

ތެލުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، އެސްޓީއޯގެ ސަބްސިޑަރީ "މޯލްޑިވް" ގޭސް މެދުވެރިކޮށް ވިއްކާ އާމްދަނީ ވަނީ ދަށްވެފަ އެވެ. ގޭހުން މިދިޔަ އަހަރު 219 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް ކުރި އަހަރު ލިބުނީ 223 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ކުންފުނިން ނުވަ މިލިއަން ކިލޯ ގްރާމުގެ ގޭސް ރިސޯޓްތަކާއި ގޭގެއަށް އަދި ވިޔަފާރިތަކަށް ސަޕްލައިކޮށްފައިވެ އެވެ. އަދި 905,114 ލިޓަރުގެ މެޑިކަލް އޮކްސިޖަން ސަޕްލައި ކޮށްފައިވެ އެވެ.