ވިޔަފާރި

މިދިޔަ އަހަރު މިފްކޯގެ އާމްދަނީ ހަތަރު ޕަސެންޓުގެ އިތުރުވި

މިދިޔަ އަހަރު ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އާމްދަނީ ހަތަރު ޕަސެންޓް އިތުރު ވެއްޖެ އެވެ.

އެސްޓީއޯ އިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މިފްކޯ އިން 48,500 ޓަނުގެ މަސް ގަނެގެން އާމްދަނީގެ ގޮތުގައި 1,359 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރު ލިބިފައިވަނީ 1,342 ބިލިއަން ރުފިޔާ އެވެ.

މިފްކޯގެ އާމްދަނީ އިތުރުވީ ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުގެ ސަބަބުން ދަނީ ގެއްލުން ވަމުންނެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި މަސް ގަންނަން ކަނޑައަޅާފައިވާ ފިކްސްޑް ރޭޓުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލާއެކު، އެ ކުންފުންޏަށް އަގަށް ބަދަލު ގެނައުމުގެ ބާރު ނެތުމެވެ.

މިފްކޯ އިން މިދިޔަ އަހަރު ރާއްޖޭން 39,606 ޓަނުގެ ފިނި ކުރި ކަޅުބިލަ މަސް ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާއިރު 9,494 ޓަނުގެ އިތުރު ވުމެކެވެ. އެ ކުންފުނިން މިދިޔަ އަހަރު 169,869 ޓަނުގެ ދަޅު މަސް އެކްސްޕޯޓް ކޮށްފައިވެ އެވެ.

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މަސްވެރިކަމަށް އާ ބާވަތްތައް ތައާރަފުކޮށް އެ އުފެއްދުން ރާއްޖޭގައި ފޯރުކޮށް ދީ އަދި މަހުގެ އެކްސްޕޯޓް އިތުރު ކުރުމެވެ. މި މަގުސަދުގައި އެ ކުންފުނިން މިދިޔަ އަހަރު ތުތިބޯވަ ދިލަމަސް ބާޒާރަށް ނެރެފައިވެ އެވެ. މީގެ އިތުރުން ފިޝް ނަގެޓްސް އާއި ރީފްފިޝް ބާގަ އަދި ހިކި މިރުސް މަސް ދަޅާއި އަސޭމިރުސް މަސްދަޅު ވެސް ނެރެފައިވެ އެވެ.