ވިޔަފާރި

އެސްޓީއޯގެ މިދިޔަ އަހަރު ސާފު ފައިދާ 95 ޕަސެންޓުގެ ކުރިއެރުމެއް

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯއަަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ، ސާފު ފައިދާގެ ގޮތުގައި، ލިބުނުއިރު، 95 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފި އެވެ.

އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެސްޓީއޯ ގްރޫޕް އެއްކޮށްލައިގެން ބަލާނަމަ ސާފު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާގަ އެވެ. އަދި ވަކިން ބަލާނަމަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 14 މިލިއަން ރުފިޔާއާ އަޅާކިޔާނަމަ ގާތްގަނޑަކަށް 95 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯ އެކަނި 9.4 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އެސްޓީއޯ މުޅި ގްރޫޕުން ނުވަ ބިލިއަން ރުފިޔާގެ ވިޔަފާރި ކުރި އެވެ. އަދި މިދިޔަ އަހަރު އެސްޓީއޯ އެކަނި އަށް ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުގައި އެސްޓީއޯ އަށް މިދިޔަ އަހަރު ބޮޑު ސާފު ފައިދާއެއް ހޯދިފައިވަނީ ހިންގުމުގެ ހަރަދު ކުޑަކޮށްގެންނެވެ. މިދިޔަ އަހަރު ހިންގުމުގެ ހޭދައަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް ކުރީ އަހަރު 15 ބިލިއަން ރުފިޔާ މި ދާއިރާ އިން ހޭދަކުރި އެވެ.

އެސްޓީއޯ ގްރޫޕުން މިދިޔަ އަހަރު އިންކަމް ޓެކުހުގެ ގޮތުގައި އެސްޓީއޯ އިން 100 މިލިއަން ރުފިޔާ ދެއްކި އެވެ. އަދި މުޅި ގްރޫޕުން ދައްކާފައިވަނީ 92 މިލިއަން ރުފިޔާ އެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ގޮތުގައި ހިންގަނީ މިފްކޯ އާއި އެފްއެސްއެމް އަދި އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވް ގޭހެވެ.