އަވަށްޓެރި ސްރީލަންކާގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ދިވެހި އާއިލާއެއްގެ ތިން މެންބަރުކު ހައްޔަރު ކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ހައްޔަރު ކުރީ ވިސާ ނެތި އެ ގައުމުގައި ގިނަ އުޅެމުން އައި ދިވެހި އާއިލާއެއް ކަމަށެވެ. ހައްޔަރުކޮށް ބަންދުގައި ތިބި އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށް ދޭން ދިވެހި ސަރުކާރުން މަސައްކަތް ކުރާއިރު ބަންދުގައި ތިބީ ދެމަފިރިއަކާއި ކުޑަ ކުއްޖެކެވެ.
ކޮވިޑާއެކު އަޅާފައިވަ ފިޔަވަޅުތައް އަދިވެސް މުޅީން ދޫކޮށް ނުލައި އޮތް ކޮލަމްބޯގައި ދިރިއުޅެމުން އައި މި އާއިލާ ބަންދަށް ގެންދިޔަ އިރު މި އަހަރުގެ ޖެނުއަރީ މަހު ވެސް ލަންކާ އިން ވަނީ ހަ ދިވެއްސަކު ހައްޔަރު ކުރި އެވެ. އޭގެ ފަހުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ދިވެހި އާއިލާއެއްގެ ފަސް މެންބަރަކު ހައްޔަރު ކުރި އެވެ. އެ މީހުންވެސް ހައްޔަރު ކޮށްފައި ވަނީ ވެސް ގަވާއިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުން ދަނިކޮށެވެ.
ގާތްގަނޑަކަށް 15،000 ދިވެހިން ދިރިއުޅޭ ލަންކާގެ އިމިގްރޭޝަން ގާނޫނާ ހިލާފު ވެގެން މީގެ ކުރިން ބައެއް ދިވެހިން އެތައް ފަހަރަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން ގިނަ މީހުން ހައްޔަރު ކޮށްފައި ވަނީ ޕާސްޕޯޓާއި ވިސާއާ ގުޅޭ ކަންކަމުގަ އެވެ.
ބައެއް ފަހަރު މަސްތުވާތަކެއްޗާއި ގަވައިދާ ހިލާފު ވިޔަފާރި ކޮށްގެން ވެސް ދިވެހިން ލަންކާގައި ހައްޔަރު ކޮށްފައި ވެއެވެ. އެކަމަކު ވަރަށް މަދުންނެވެ.