ވިޔަފާރި

ބީއެމްއެލް ބޯޑުގެ އާއްމު ހިއްސާދާރު ކަމަށް ހަތަރު ބޭފުޅަކު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައިފި އެވެ.

ބީއެމްއެލް ބޯޑުގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާފައިވާ ހަތަރު ބޭފުޅުންނަކީ މާލެ، މއ. ޓިއުލިޕްވިލާ، އަބްދުއްސައްތާރު އާއި ނ. ހޮޅުދޫ، ނެލުމް އިބްރާހީމް މުހައްމަދުގެ އިތުރުން ގ. މާލެ، އުފާ، އަހްމަދު މުހައްމަދު އާއި މާލެ، މ. ކުރިބީލޮޖް، މުހްތަބާ އަހްމަދު ހަމީދު އެވެ.

އާއްމު ހިއްސާދާރުންގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އަހްމަދު މުޙައްމަދު އާއި މުހައްމަދު އަބްދުއްސައްތާރު އަދި އިބްރާހީމް މުހައްމަދު މިހާރު ވެސް ހުންނެވީ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމުގަ އެވެ. އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ ގޮތުގައި ހޮވާނީ ތިން މީހުންނެވެ.

ކުރިއަށް އޮތް އަހަރު ދުވަހަށް ހޮވާ ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅުއްވާފައިވަނީ މިހާރު ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި ޓިމޮތީ ސޯޔާގެ އިތުރުން މާލެ، މ. ތާނގީދޮށުގެ، އައިޝަތު ނޫރައްދީން އާއި މާލެ، މއ. ކޮށީގެ ޖުވައިރިޔާ ސައީދުގެ އިތުރުން މާލެ، މއ. މަނަސް، ޘަނާ މަންސޫރު އެވެ. އަދި މާލެ، މ. ދާޝިން، އިބްރާހިމް ޒަކަރިއްޔާގެ އިތުރުން މާލެ، މ. މުއިރި، ހުސައިން ތައުފީގު އަލީ އެވެ. އަދި ރ. އަލިފުށި، ނަސީމާމަންޒިލް އަބްދުالله ހަސަން އެވެ.

ބީއެމްއެލް އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. މި އަހަރުގެ އޭޖީއެމް ބާއްވަން ނިންމާފައިވަނީ ވާޗުއަލް ކޮށެވެ.

އޭޖީއެމްގައި ބައިވެރިވަން ބޭނުންވާ ހިއްސާދާރުންނާއި ޕްރޮކްސީ އިން ބައިވެރިވާ ފަރާތްތަކުން ޕްރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 29 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްރީ- ރެޖިސްޓްރޭޝަން ފުރިހަމަ ކުރަން ޖެހެނީ އިމްފިނިޓީ ޑޮޓްއެމްވީ މެދުވެރިކޮށެވެ. އެކަމަށް ބޭނުވާ ފޯމް ބީއެމްއެލް އިން ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. ބީއެމްއެލް އިން ބުނީ ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާ އަށް ހާޒިރުވެ ވޯޓު ދޭން ބޭނުންވާ ފަރާތްތަކުގެ ފޯމް 48 ގަޑިއިރުގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޮނުވަން ވާނެ ކަމަށެވެ. ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާ އަށް މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ޖަލްސާ އަށް އެ މީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރެވޭ މީހެއްގެ ގޮތުގައި އެ ކުންފުނީގެ ބޯޑުން ފާސްކުރަން ޖެހެ އެވެ. އަދި ޖަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ކޯޕަރޭޓް އެފެއާޒް މެއިލްއަށް އީ-މެއިލް ކުރަން ޖެހެ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ސާފު ފައިދާ އުޅެނީ 200 މިލިއަނަށް ވުރެ މަތީގައި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ މި އަހަރުގެ ނިމިދިޔަ ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. މިދިޔަ ކުއާޓަރުގައި ބީއެމްއެލް އަށް ލިބިފައިވަނީ 106 މިލިއަން ރުފިޔާ އެވެ.

ބޭންކުގެ ޑިރެކްޓަރުގެ ބޯޑުން ވަނީ މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 26ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހާނެ އެވެ. ގައުމީ ބޭންކުން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައިވަނީ 124 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާ އަކަށް 24ރ. އެވެ.