ގައުމީ ޓީމު އެއް ލެވަލެއްގައި ބޭއްވޭނީ، ކުޅުންތެރިންނާއެކު ވަގުތު ހޭދަ ކުރާ ކޯޗުންނަކީވެސް ފެންވަރު ރަނގަޅު ކޯޗުންނަށް ވެގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް މާޓިން ކޫޕްމަން ބުނެފި އެވެ.
"އަވަސް" އަށް ދިން އިންޓަވިއުގައި ހޮލެންޑްގެ ކޯޗް ބުނީ، ގައުމީ ޓީމާއެކު ކުރު މުއްދަތުގައި އޭނާ އަށް ކުރެވުނު މަސައްކަތުން ޓީމު ރަނގަޅު އޮނިގަނޑަކަށް ގެންދެވިއްޖެ ކަމަށާއި، ދެން އޮތީ އެ އޮނިގަނޑުގެ މައްޗަށް ޓީމު ބިނާ ކުރުން ކަމަށެވެ.
ކޫޕްމަން ބުނީ، ޓީމުގެ ލެވަލް އެއް ފެންވަރެއްގައި ބާއްވަން، އެފްއޭއެމުން ކަންތަތަކެއް ރާވަން ޖެހޭ ކަމަށެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުތައް، އަންނަ އަހަރަށް ފަސް ކުރުމުން ކޫޕްމަން ވަނީ މި އަހަރު އެކުވެރި ކަމުގެ މެޗުތަކެއް ކުޅުމަށް ހިޔާލު ފާޅު ކޮށްފަ އެވެ.
"މި ކުޅުންތެރިންގެ ލެވަލް މަތި ކުރުމަށް އެފްއޭއެމުން މަސައްކަތް ކުރަން ޖެހޭ، މި ކުޅުންތެރިންނާއެކު ވަގުތު ހޭދަ ކުރާ ކޯޗުންނަކީ ކޮލިޓީ ކޯޗުން ކަމުގައި ވާން ޖެހޭ," ކޫޕްމަން ބުންޏެވެ. "މިހާރު ވަނީ ރަނގަޅު ބިންގަލެއް އެޅިފައި، ދެން އޮތީ އެ ބިންގަލުގެ މައްޗަށް މަސައްކަތް ބިނާ ކުރުން، މަސައްކަތުގެ ސްޓްރެޓެޖީއާ އުސޫލުތައް ކުޅުންތެރިން ގަބުޅު ކުރަން ޖެހޭ."
ކޫޕްމަން ބުނީ އެކިފަހަރު މަތިން ގާތްގަނޑަކަށް ތިން މަސް ދުވަހު ކުރި ޕްރެކްޓިސްތަކުން ކަންތައްތަކެއް ދެނެގަނެވިއްޖެ ކަމަށެވެ. ރާއްޖޭގެ ވަޒީފާގައި އޭނާއަށް އަދި މިހާތަނަށް ހޯދުނު ހަމައެކަނި ހިތްހަމަޖެހުމަކީ އެއީ އެވެ.
"އަހަރެންގެ ޓީމު ވަރަށް ޑިސިޕްލިން، އެ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ފައިޓިން ސްޕރިޓެއްގައި،" އިންޓަވިއުގައި ކޫޕްމަން ބުންޏެވެ. "ދެ ވަނަ ފަހަރަށް އަހަރެމެން ޕްރެކްޓިސްތައް މެދުކަނޑާލަން ޖެހުނީމަ، އަކުރަމް [އަބްދުލް ގަނީ] އަހަންނަށް މެސެޖު ކޮށްފަ ބުނި ކޯޗޭ ތިމަންނަމެން ބޭނުމޭ ގޭގައިވެސް ޕްރެކްޓިސް ކުރަން، ތިމަންނަމެންނަށް ހޯމްވޯކެއް ދޭށޭ. އޭގެއިން އަންގައިދެނީ އެ ކުޅުންތެރިން އިތުރަށް ވަރުގަދަވާން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަމިއްލައަށްވެސް ބޭނުންވާކަން، އެއީ އެ ކުޅުންތެރިންނާމެދު އަހަރެން ވަރަށް ގަޔާވާ ކަމެއް."