ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

އޮޑިޓް ރިޕޯޓާ ގުޅިގެން މަސްއޫލިއްޔަތުތަކުން އަމީން އަމިއްލައަށް އެކަހެރިވެއްޖެ

Aug 17, 2020
5

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވުމާ ގުޅިގެން، އެކަމުގެ ތަހުގީގު ނިންމެންދެން މިނިސްޓްރީގެ މަސައްކަތްތަކުން އަމިއްލަފުޅަށް އެކަހެރިވާން ނިންމަވައި، އެކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި އެ މިނިސްޓްރީން ހިޔާނާތަށް މަގުފަހިވާ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން، މިނިސްޓަރު އަމީން ސޮއި ކުރައްވައި، ރައީސް ސޯލިހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރައްވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް އިއްޔެ ނެެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާ މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ކުންފުންޏަކީ މީގެ ކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިނުވާ ކުންފުންޏެއްކަން ފާހަގަކޮށްފައިއެވެ.

މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާ ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައިވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލާގައި ގިނަ މެންބަރުން ވަނީ އަމީން މަގާމުން ވަކި ކުރުމުގެ އިތުރުން އޭނާގެ މައްޗަށް ޝަރީއަތް ކުރެވެންޖެހޭކަމަށް ވެސް ވިދާޅުވެފަ އެވެ.

ހެލްތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާއިރު، އެކަންއެކަން ބަލައި، އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.