އޭސީސީ

ވެންޓިލޭޓަރު މައްސަލާގައި ވަކި ގޮތެއް ނުނިންމަން: އޭސީސީ

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމާފައިނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާގޮތާއި ގުޅޭގޮތުން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި،މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް އެކުލަވާލާ މެއި މަހުގެ 21 ގައި ރިޕޯޓު އާންމުކޮށްފައިވާނެ ކަމަށެވެ.

"..އޭރު އެ މައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެ. އަދި އެ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ. އަދި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި އެ މައްސަލަ ކުރިއަށް ނުދާކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުން ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ ރައްޔިތުންނަށް ޖަވާބުދާރީން ކަމަށާ މި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައިނެތް ކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ހަގީގަތަކާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގުގެ މަސައްކަތް މިހާރު ފުރިހަމަ ކުރުމުގެ މަރުހަލާގައިވާއިރު އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރު ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާ ކުރަން ފަށާނެ،" އޭސީސީގެ ބަޔާނުގައިވެއެވެ.