ގާޒާ

ގާޒާގައި "ދިވެހިރާއްޖޭ"ގެ ރެސްޓޯރެންޓެއް!

Aug 18, 2020

ދިވެހިންގެ ހިތާ ގުޅިފައިވާ ފަލަސްތީނުގެ ބިމުގައި "ދަ މޯލްޑިވްސް ގާޒާ" ގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވާފައި ވެއެވެ. ގާޒާގެ އަތިރިމަތީ ސަރަހައްދެއްގައި ހުޅުވާފައިވާ މި ރެސްޓޯރެންޓުގެ މަގުބޫލުކަން ފަލަސްތީނުގެ މީހުންގެ މެދުގައި މިހާރު ވަރަށް ބޮޑެވެ.

ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އިމާދު އަލްބައްޔާ 42، މިތަން ހުޅުވި މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެ ތަޖުރިބާ ކޮށްލަން ފުރުސަތު ހޯދައި ދިނުމެވެ. އިޒްރޭލުގެ އަޅުވެތިކަމުގެ މުށުތެރޭގައި ތިބި އެ މީހުންގެ ހިތަށް ރާއްޖޭގެ ހިތްގައިމުކަމުގެ ކުޑަ ނަމަވެސް އުފަލެއް ހޯދައި ދިނުމެވެ.

"ފަލަސްތީނުގެ މީހުންނަށް ރާއްޖެއެއް ނުދެވޭނެ. އެހެންވެ އަހަރެމެން ގާޒާގެ ރައްޔިތުންނަށް ރާއްޖެ މި ގެނެސް ދިނީ،" ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެ އެވެ.

ދެ މިލިއަން މީހުން ދިރިއުޅޭ ގާޒާގައި ހުޅުވި މި ކެފޭ ވަނީ "ރާއްޖޭގެ" ނަމާއެކު ދުނިޔޭގެ ސަމާލު ކަމަށް ވެސް އައިސްފަ އެވެ. ގާޒާގެ އަތިރިރިމަތީ ސަރަހައްގައި ކަނޑު ފެންނަ ގޮތަށް ހިލަމަތީގައި ހަދާފައިވާ މި ކެފޭ މިހާރު ވެގެންދަނީ ފަލަސްތީނާއި ދިވެހިންގެ އެކުވެރިކަމުގެ ރަމްޒަކަށެވެ.