ހަބަރު

ހާޒިރީގެ މައްސަލަ ބޮޑުވެ، މަޖިލިސް މެދުކަނޑަލަން ޖެހިއްޖެ

Aug 18, 2020

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ އެންމެ އިސް ދެ މެންބަރުން ހާޒިރު ނުވެގެން، މިއަދުގެ ޖަލްސާ މެދުކަނޑަލަން ޖެހިއްޖެ އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ރިޕޯޓެއް ހުށަހަޅަން އެޖެންޑާ ކޮށްފައިވީ ނަމަވެސް، އެ ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރު ވެސް އެ ވަގުތު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު އިގުތިސޯދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ވަގުތު އެ ކޮމިޓީއެއް ވެސް ހިނގަމުން ނުދާ ކަމަށާއި، ނަމަވެސް، ކޮމިޓީގެ މުގައްރިރު ވެސް އަދި ނައިބު މުގައްރިރު ވެސް ތަޅުމަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ.

އިގްތިސޯދީ ކޮމިޓީގެ މުގައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އަދި ނައިބު މުުގައްރިރަކީ، މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

"ވަރަށް އާދަޔާ ހިލާފުކަމެއް ދިމާވެގެން މިއުޅެނީ،" ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، އެ ރިޕޯޓް ހުށަހަޅުއްވަން ހަވާލު ކުރެއްވީ ކޮމިޓީގެ ތިން ވަނަ މުގައްރިރު އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއާ އެވެ. ނަމަވެސް، ރިޕޯޓު ހުށަހަޅަން ވަގުތު ބޭނުންވާ ކަމަށް އޭނާ އެދިވަޑައިގެންނެވުމުން، ރިޔާސަތުން ވަނީ ޖަލްސާ ބައި ގަޑިއިރަށް މެދުކަނޑާލައްވައިފަ އެވެ.

މި ފަހުން މެންބަރުންގެ ހާޒިރީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މި ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.