ބޮލީވުޑް

ގިނަ އެވޯޑުތަކެއް ހޯދި ޑައިރެކްޓަރު ނިޝީކާންތު މަރުވެއްޖެ

ގިނަ އެވޯޑުތަކެއް ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ނިޝީކާންތު މަރުވެއްޖެ

ހޯމަ ދުވަހަކީ އަނެއްކާވެސް ބޮލީވުޑަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. ކުޅަދާނަ މޮޅު ޑައިރެކްޓަރެއް ކަމަށްވާ ނިޝީކާންތު ކާމަތު މަރުވީމަ އެވެ. އުމުރުން 50 އަހަރުގެ ނިޝީކާންތު މަރުވީ ހައިދަރުއާބާދު ހޮސްޕިޓަލެއްގައި ފުރަމޭގެ މައްސަލަތަކަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

ޑައިރެކްޓަރު މަރުވި ޚަބަރު ލިބުމުން އެންމެ އަސަރުކުރި ބޮލީވުޑް އެކްޓަރުންނަކީ އަޖޭ ދޭވްގަން އާއި ރިތޭޝް ދޭޝްމުކް އެވެ. ނިޝީކާންތު އެންމެ ފަހުން ޑައިރެކްޓްކުރި ބައެއް ފިލްމުތަކުގައި މި ދެ އެކްޓަރުން ބައިވެރިވެފައިވާތީ އެ މީހުންނާ ޑައިރެކްޓަރާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާތީ އެވެ.

އަޖޭ އާއި ރިތޭޝް ވަނީ ސޯޝަލް މީޑީއާ މެދުވެރިކޮށް ޑައިރެކްޓަރު ނިޝީކާންތަށް ކަރުނައިގެ ވަދާއެއް ކިޔާފަ އެވެ.
ރިތޭޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ޑައިރެކްޓަރެއްގެ އިތުރުން ނިޝީކާންތަކީ އޭނާގެ އެކުވެރިއެކެވެ. އެހެންކަމުން އޭނާގެ ހަނދާންތައް އަބަދުވެސް ހިތުން ފޮހެވިގެން ނުދާނެކަމަށް ރިތޭޝް ބުނެފައި ވެއެވެ.

އަޖޭގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި 2015 ގައި ތައްބޫ އާއެކު އޭނާ ކުޅުނު "ޑްރިޝަމް" އަކީ ނިޝީކާންތު ޑައިރެކްޓްކުރި ފިލްމެކެވެ. އޭރުއްސުރެ ވެސް އެމީހުންގެ މެދުގައި ޑައިރެކްޓަރަކާއި އެކްޓަރަކަށް ވުރެ ގާތް ގުޅުމެއް އޮވެ އެވެ.

"އެއީ ވަރަށް ވިސްނުން ތޫނު، އަބަދު ހެވިފައި ހުންނަ ހިތްހެޔޮ މީހެއް،" އަޖޭގެ ޓުވީޓްގައި ބުނެފައި ވެއެވެ.

ރަންދީޕް ހޫޑާ އާއި ޖެނީލިއާ ޑިސޫޒާ ފަދަ ނިޝީކާންތު ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ވަރަށް ގިނަ ތަރިން ޑައިރެކްޓަރު މަރުވުމުގެ ހިތާމަ ސޯޝަލް މީޑިއާގައި ދަނީ ފަޅުކުރަމުންނެވެ.

ނިޝީކާންތު އަށް ފަރުވާ ދިން ހޮސްޕިޓަލުން ބުނެފައިވަނީ ފުރަމޭގެ މައްސަލަތަކަކަށް އޭނާ ބޭސް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ބަލި ރަނގަޅުވެފައި ހުރެފައި އަލުން އަނެއްކާވެސް މައްސަލަތައް ކުރިމަތިވީ ކަމަށެވެ.

ނިޝީކާންތަކީ ވަރަށް ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާއާއެކު މަސައްކަތްކުރި ހުރިހާ އެކްޓަރުން ވެސް އެއްބަސް ވެއެވެ. އޭނާއަށް ފިލްމެއް ޑައިރެކްޓްކުރުމުގެ ފުރުސަތު ލިބުނީ 15 އަހަރު ވަންދެން އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރި ފަހުންނެވެ.

ފުރަތަމަ ޑައިރެކްޓްކުރި ފިލްމުން ވެސް ނިޝީކާންތު ވަނީ އޭނާގެ ކުޅަދާނަކަން ދައްކާލާފަ އެވެ. އެއީ 2005 ގައި ރިލީޒްކުރި މަރާޓީ ފިލްމު "ދަމްބިވްލީ" އެވެ. މި ފިލްމަށް އެ އަހަރުގެ އެންމެ މޮޅު ފީޗާ ފިލްމުގެ ނެޝަނަލް އެވޯޑު ލިބުނެވެ.

ހިންދީ ފިލްމު އިންޑަސްޓްރީއަށް އޭނާ ވަނީ 2008 ގައި ޑައިރެކްޓްކުރި "މުމްބައި މެރީ ޖާން" އިންނެވެ. މިއީ މާދަވަން އާއި ސޯހާ އަލީ ޚާން އަދި އިރްފާން ޚާން މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމަށް ވެސް ވަރަށް ގިނަ އެވޯޑުތައް ލިބުނެވެ. އޭގެ ތެރޭގައި ފިލްމްފެއާ ބެސްޓް ފިލްމް ކްރިޓިކްސް ހިމެނެ އެވެ. އޭގެ ފަހުން ޖޯން އެބްރަހަމްގެ "ފޯސް" ޑައިރެކްޓްކުރި އެވެ. އަދި ޖޯންގެ "ރޮކީ ހޭންސަމް" އަކީ ވެސ ނިޝީކާންތު ޑައިރެކްޓްކުރި ފިލްމެކެވެ.

ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ބައެއް ފިލްމުތަކުގައި އެކްޓަރެއްގެ ގޮތުން ވެސް އޭނާ ބައިވެރިވެފައި ވެއެވެ. އެގޮތުން "ބާވޭޝް ޖޯޝީ"، "ޑެޑީ" އަދި ޖޫލީ 2"ގައި އޭނާ ވަނީ މުހިއްމު ރޯލުތަކެއް އަދާކޮށްފަ އެވެ.