ހަބަރު

މީދޫ ބަނދަރު ހެދުމުގެ ބޮޑުބައި ނިމިއްޖެ

އައްޑޫ ސިޓީގެ މީދޫ ބަނދަރު މަޝްރޫއުގެ 71 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ތެރެއިން އެ އަވަށުގެ އެއްގަމު ތޮށީގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކެޕިންގް ބީމްގެ މަސައްކަތުގެ 52 ވަނީ ނިމިފައި ކަމަށެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫގައި 61,396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކޮށް 621 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ޕޭމަންޓު ޖެހުމާއި ބަނދަރު ބައްތި އާއި ރޭމްޕް ޖެހުންވެސް ޕްރޮޖެކްޓް ސްކޯޕްގެ ދަށުން ކުރާނެ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފެށި މި މަސައްކަތަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފަ އެވެ.