ވިޔަފާރި

ޖުލައި މަހުގެ ރާއްޖޭގެ އިމްޕޯޓް 49 ޕަސެންޓް ދަށަށް

Aug 18, 2020

މިދިޔަ ޖުލައި މަހުގެ ރާއްޖޭގެ އިމްޕޯޓް 49 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމަސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހު ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އަށް އެތެރެކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންވެ، މިއީ 49 ޕަސެންޓުގެ ދަށްވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި އަދަދުވަނީ 293 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ފާއިތުވި މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން އާއި އިންޑިއާ އަދި ޗައިނާ އިންނެވެ. އޮމާން އިން 329 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 295 މިލިއަން ރުފިޔާ އަދި ޗައިނާ އިން 256 މިލިއަން ރުފިޔާގެ މުދާ ޖުލައި މަހު އެތެރެކޮށްފައިވެ އެވެ.