ހަބަރު

ވެންޓިލޭޓަރުތަކަށް ދުބާއީ ކުންފުންޏަށް ވުރެ ކުޑަ އަގެއް ހުށަހެޅިން: އޭޑީކޭ

Aug 18, 2020
2

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ، އެކަމަށް މާ ކުޑަ އަގެއް ހުށަހަޅާފައިވަނިކޮށް ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.

އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

އޭޑީކޭ ޝިޕިން އިން ނެރުނު ބަޔާނުގައި ބުނީ ކޮވިޑްގެ ކަންކަން ކުރުމަށް ރައީސް އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރަކު، ނުރަސްމީކޮށް މާޗު 15 ގައި އެ ކުންފުނީގެ އިސްވެރިއެއްގެ ފަރާތުން ޑްރެގާ ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުވި ކަމަށެވެ.

އޭޑީކޭ އިން ބުނީ އަގުގެ މައުލޫމާތު ސާފުކުރުމުން ޑްރެގާ ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިން އަދި އެ ވަގުތު ވަރަށް ޑިމާންޑު ބޮޑު ބްރޭންޑަކަށްވުމުން އެ ސަޕްލައިކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން ޑްރެގާގެ މައި ކުންފުނިން އެ ކުންފުންޏަށް އަންގާފައިވާތީވެ އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށް ދެވޭނެތޯ ބުނަން އެނގޭނީ ޑްރެގާގެ މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކުރުމަށް ފަހުގައި ކަމަށް ބުނެފައިވާނެ ކަމަށެވެ.

އެގޮތުން، ޔޫރަޕިއަން ސްޓޭންޑަޑުތަކަށް ފެތޭ ކޮވިޑްގެ ހާލަތަށް އެކަށޭނެ ސީއީ ސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރު 5،500 ޑޮލަރާއި 6،200 ޑޮލަރާ ދެމެދުގެ އަގެއްގައުި ހަތަރު ހަފުތާގެ ތެރޭގައި ސަޕްލައިކޮށްދެވިދާނެ ކަމަށް އަންގައި އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރާ އެކަން ހިއްސާކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކޮށްފައިނުވާ ކަން އޭޑީކޭ ޝިޕިންއިން ބުންޏެވެ.

"މި ކުންފުންޏަކީ ޑްރެގާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެނގޭ ހިނދު އަދި ކަންޓްރީ ޑިސްޓްރިބިއުޓާ ހުއްޓައި ޑިސްޓްރިބިއުޓާ ބައިޕާސްކުރުމަށްފަހު މިފަދަ ލައިފްސޭވިން ތަކެތި ތިން ވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއްކަމަށް ވީހިނދު، ޑަބްލިއުއެޗްއޯ އިން ބުނެގެން ކަމަށް ބުނެ ދުބާއީގެ ކުންފުންޏަކުން ނުލާހިކު ބޮޑު އަގުގައި 32،500 ޑޮލަރަށް ވެންޓިލޭޓަރެއްގެ މަގުން 75 ޑްރެގާ ވެންޓިލޭޓަރު ގަތުމަށް 90 ޕަސެންތް އެޑްވާންސަށް ފައިސާ ފޯރުކޮށްދީގައިވާކަން އެނގެން އެބަ އޮތެވެ،" އޭޑީކޭގެ ބަޔާނުގައި ބުންޏެވެ.

އެ ކުންފުންޏާ ކުރިން ކުރި މުއާމަލާތްތަކުގައި ޑްރެގާ އޮކްސިލޮގް ވެންޓިލޭޓަރެއް 15،000 ޑޮލަރަށް އަދި ހައި އެންޑް އައިސީޔޫ އެންޑް އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20،500 ޑޮލަރަށް ލިބިދާނެ ކަމަށް އަގު ދީފައިވާކަމަށް ބުނެފައިވެ އެވެ.

އިތުރަށް ބުނި ގޮތުގައި، އެ ކުންފުންޏަކީ ސަރުކާރުގެ ހޮސްޕިޓަލްތަކަށް ވެސް ގިނަ އަދަދެއްގެ ޑްރެގާ ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން މީގެ ކުރިން ވެސް ސަޕްލައިކޮށްދީފައިވާ ކުންފުންޏެއް ކަމަށާއި ކޮވިޑް-19 ގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ޕީސީއާރު މެޝިނާއި ޕީޕީއީ ވެސް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ކޮވިޑް-19 އިގެ ނުރައްކާ ފެތުރިފައިވާ މި ނާޒުކު ވަގުތުގައި ވެންޓިލޭޓަރާއި ޕީޕީއީ ގަތުމަށް ކަމަށް ބުނެ މިނިސްޓްރީން މުއާމަލާތްތައް ހިންގާފައިވާ ގޮތުން ރައްޔިތުންނަށް ހައްގުވާ އެންމެ ފުރިހަމަ ސިއްހީ ވަސީލަތްތަކުން މަހުރޫމްކޮށް ބަޔަކު ނާޖައިޒް މަންފާ ނަގާފައިވާ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭތީ ދައުލަތުގެ އިދާރާތަކުން އެކަން ރައްޔިތުންގެ ހައްގުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާއިރު، އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބިޑް ކޮމިޓީގެ މެންބަރުން މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.