ޑިފެންސް މިނިސްޓްރީ

ޑިފެންސުން ހަރަދުކުރީ ރަނގަޅަށް: އޮޑިޓް

ކޮވިޑް-19 އާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން ޑިފެންސް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓް އާންމުކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ސަރުކާރުން އުފެއްދި އެންއީއޯސީގެ ޗެއާޕާސަންއަކަށް ހުންނެވީވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ޑިފެންސް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން 5,242,102 ހަރަދުކޮށްފައިވާ ކަމަށެވެ. އެ މުއައްސަސާއަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 17,049,230 ރުފިޔާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެ މިނިސްޓްރީން މައިގަނޑު ގޮތުގައި ހަރަދުކޮށްފައިވަނީ ކޮވިޑް-19އާ ގުޅޭ އޮޕަރޭޝަންގައި ބޭނުންކުރި ކަނޑުއުޅަނދުފަހަރަށް ތެޔޮ އެޅުމަށާއި އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒްއާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ އިތުުރުން ސިފައިން ތިބި މަރުކަޒުތަކަށް ހަރުމުދާ ހޯދުމަށެވެ. އެއިން ކޮންމެ ކަމަކަށް ކޮށްފައިވާ ހަރަދުތައް ވަކިވަކިން ވަނީ ހިމަނާފައެވެ.

"ކޮވިޑް-19އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ޖަނަވަރީ 1، 2020 އިން ޖޫން، 30 2020ގެ ނިޔަލަށް ކުރި ހަރަދު ކަމަށް ބަޔާނުގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް މި އޮފީހުން ދެކެން،" އޮޑިޓް ރިޕޯޓްގައިވެއެވެ.