ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމް ހަނދާންކޮށްދެއްވީ އިމްރާން ގޭގައި ބެހެއްޓެވި ދުވަސްތައް

އިމްރާން އަބްދުﷲގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު ޖަލަށްލާން ހުކުމް ކުރި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރަކު އެމަނިކުފާނު ގޭގައި ބެހެއްޓެވި ހަނދާންތައް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓަރު އިމްރާން އަބްދުﷲއަށް ހަނދާންކޮށްދެއްވައިފި އެވެ.

ޝަހީމް، މިނިސްޓަރު އިމްރާނަށް އެ ހަނދާންތައް އައުކޮށްދެއްވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން، ވަކީލުންގެ ހައްގުން މަހުރޫމް ކޮށްފައިވަނީ ހޯމް މިނިސްޓްރީއާއި ކަރެކްޝަންގެ ވެރިން ގަސްތުގައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާންއާއި ޝަހީމަކީ ކުރިން ވަރަށް އެކުވެރި ދެ ބޭފުޅުންނެވެ. މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވީވެސް އިމްރާން ޖަލަށް ލެއްވުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޝަހީމަކީ ރައީސް ޔާމީންގެ ރަނިން މޭޓެވެ. އިމްރާން ހުންނެވީ އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައެވެ.

ރައީސް ޔާމީންގެ ދަރިކަލުންގެ ބަޔާނާއެކު ޝަހީމް ކުރެއްވި ޓްވީޓް ފައްޓަވާފައިވަނީވެސް "އެކުވެރި އިމްރާން އަބްދުﷲ" މި ގޮތަށް މުހާތަބު ކުރައްވަމުންނެވެ. ޝަހީމް ވިދާޅުވީ އިމްރާން، ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ރައީސް ޔާމީނާމެދު މިހާރަށްވުރެ މާ ރަނގަޅަށް ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގާދިޔަ ގޮތް ޝަހީމް ވަނީ ހަނދާންކޮށްދެއްވާފައެވެ.

"އެކުވެރި އިމްރާން އަބްދުﷲ، ރައީސް ޔާމީނާމެދު ރަނގަޅަށް ކަންތައް ކުރައްވާ. ރައީސް ޔާމީންއަށް ކުރިމަތި ވަމުންދާ އިހާނެތި ކަންކަމާމެދު ހިތާމަކުރަން. އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ތިޔަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ. ރައީސް ޔާމީން ވެރިކަން ނިމުނުއިރުވެސް އިމްރާން ހުންނެވީ ގޭގައި،" ޝަހީމް ވިދާޅުވިއެވެ.

ދައުލަތުން އުުފުލި ޓެރިޒަމްގެ ދައުވާ ސާބިތުވެ، އިމްރާން 12 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ފެބްރުއަރީ 16، 2016 ގައެވެ.

އިމްރާނު އަބްދުﷲ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއިންނެވެ. ދިގު ދެމިގެން ދިޔަ ޝަރީއަތުގައި އިމްރާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. ދައުވާގައި ބުނެފައިވަނީ، މޭޑޭގައި އިމްރާނު ދެއްކެވި ވާހަކައިގެ ސަބަބުން އަނިޔާވެރިކަމަށް ބާރު ލިބި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށެވެ.

އިމްރާން ޖަލުގައި ހުންނަވަނިކޮށް އަލަތު ފިރިހެން ދަރިކަލުން ވަނީ ލިބިވަޑައިގެންފައެވެ. އެއާއެކު ގިނަ ދުވަސްތަކަކަށް ގެއަށް ބަދަލު ކުރެއްވިއެވެ. އަދި ރޯދަ މަހުވެސް ލުއި ދެއްވާ ގެއަށް ބަދަލު ކުރައްވައެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން، ވަކީލުންގެ ހައްގުން މަހުރޫމް ކޮށްފައިވާތީ ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުއްﷲ ޔާމީން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީނާ ގުޅޭގޮތުން އިމްރާން ދޮގު ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށާ އެކަމުގައި ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކި ފަހަރުމަތިން ވާހަކަދެއްކުމަކީ އާއިލާއިން ކުށްވެރިކުރާ ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"..އެކި ފަހަރުގެ މަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއްނެތް ބުހުތާނު ދޮގު ވާހަކަތައް ހޯމް މިނިސްޓަރު ދައްކައި ހިންގި މުޑުދާރު އަމަލުތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމަ އާއި މޮޅިވެރިކަން ކުރިމަތިވެފައިވޭ. ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަކުރެއްވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާމެދު މިފަދަ އިހާނެތި ގޮތަކަށް ކަންކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމުގައި އަޅުގަނޑުމެން ނުދެކެން،"

އާއިލާގެ ބަޔާނުގައި ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކުން ރައީސް ޔާމީން މަހުރޫމުކޮށްގެން އެމަނިކުފާނަށް ދެމެންދާ ލާއިންސާނީ އަނިޔާތައް ހުއްޓައިލުމަށާއި އެމަނިކުފާނަށް އެމަނިކުފާނުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. އަދި ރައީސް ޔާމީނާމެދު ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި އެމަނިކުފާނަށް އަނިޔާވެރި ނުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގޮވައިލާފައިވެއެވެ.

"ތަކުރާރުކޮށް ރައީސް ޔާމީނާމެދު އަނިޔާވެރިވެ އެމަނިކުފާނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން އެމަނިކުފާނު މަހުރޫމުކޮށް އެމަނިކުފާނާމެދު ދޮގު ބުހުތާނު ވާހަކަތައް ދައްކަމުންދާތީ އެކަމުގައި އާއިލާއަށް ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ވަރަށް އިހުތިރާމާއެކު ދަންނަވަން،"