ހަބަރު

އަމީރު ވަކިކުރަން އިދިކޮޅުން ގޮވާލައިފި

Aug 19, 2020
2

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހަރަދު ކުރުމުގައި މަކަރާއި ހީލަތް ހަދާފައިވާއިރު، ހެލްތު މިނިސްޓަރާއެކު ފިނޭންސް މިނިސްޓަރު ވެސް މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ގޮވާލައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދައު އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީ ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ވަނީ ބުނެފަ އެވެ

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ތިން ކުންފުންޏަކާ ހަވާލު ކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑު ކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފަ އެވެ.

އެކަމާ ގުޅިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުގެ ވުޒާރާތަކުން ކޮރަޕްޝަން ހިންގުން އިންތިހާއަށް އިތުރުވެފައި ވާތީ، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ބަލައިގަނެ ކުރިއަށް ދިއަ ބަހުސްގައި، އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން ބޮޑެތި ހަރަދެއް ކުރިއިރު، ފިނޭންސް މިނިސްޓްރީން ބަލަންޖެހޭ މިންވަރަށް ބަލާފައިނުވާ ކަމަށެވެ.

އެކަމަށް ބާރު ދެއްވަމުން، ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވަޑައިގެންފައިވާއިރު، އަމީން އާ އެއްވަރަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ޒިންމާ ނަންގަވަންޖެހޭ ކަމަށެވެ.

"މިކަމުން ފިނޭންސް މިނިސްޓަރަށް ވެސް ބޯދަމައިގަނެވޭނެ ގޮތެއް ނޯންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވިދާޅުވީ ވެންޓިލޭޓަރުތައް ގަންނަން ފައިސާ ދޫކުރުމުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮތް ކަމަށެވެ.

އެހެން ކަމުން، ހެލްތު މިނިސްޓަރާއެކު ފިނޭންސް މިނިސްޓަރުވެސް މަގާމުން ވަކި ކުރަންޖެހޭކަމަށް ފަޒުލް ވިދާޅުވި އެވެ.

އިދިކޮޅުން މިހެން ގޮވާލި ނަމަވެސް، އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހައްދަވާފައިވާކަމަށް ބެލޭނެ ޖާގައެއްނެތް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.