ދުނިޔެ

ބަޣާވާތާއެކު މާލީގެ ރައީސް އިސްތިއުފާ ދެއްވައިފި

Aug 19, 2020

ބަމަކޯ (އޯގަސްޓް 19) - މާލީގެ ސިފައިންތަކެއް ނުކުމެ މާލީގެ ރައީސާއެކު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކުރުމާ ގުޅިގެން، އެ ގައުމުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާ އިސްތިއުފާ އިއުލާނު ކުރައްވައިފި އެވެ.

ޓީވީ މެދުވެރިކޮށް އިސްތިއުފާ އިއުލާނު ކުރައްވަމުން ކެއިޓާ ވިދާޅުވީ، ވެރިކަމުގެ ދެމި ހުންނަވަން ލޭ އޮހޮރުވުމަކަށް ގައުމު ދިއުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.

ކެއިޓާގެ އިތުރުން ބޮޑުވަޒީރު ބޫބޫ ސީސޭ ވެސް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ވެރިރަށް ބަމަކޯގައި ހުންނަ އަސްކަރީ ބޭސްއަކަށެވެ.

ކެއިޓާ 2018 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންތިހާބުވެފައިވީ ނަމަވެސް، ކޮރަޕްޝަނާއި އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ގިނަ ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑުކިއުން ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.

މާލީގައި ސަރުކާރާ ދެކޮޅަށް ތެދުވެފައި ވަނީ ކިތައް ސިފައިން ކަމެއް އަދި ސާފުވެފައެއް ނުވެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ސިފައިން ނުރުހުން ފާޅު ކުރަން ފެށީ އެ މީހުންގެ މުސާރައާ ބެހޭ ދެބަސްވުމަކާ ގުޅިގެންނެވެ.

ކެއިޓާ އިސްތިއުފާ ދެއްވުމުން، މަދަނީ އަދި ސިޔާސީ ވަގުތީ އިންތިޒާމެއްގެ ތެރެއިން އަވަސް އާއްމު އިންތިހާބެއް ބާއްވާނެކަމަށް ސިފައިންގެ ފަރާތުން ތަރުޖަމާނަކު ވަނީ ބުނެފަ އެވެ.

މާލީގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އދ. ގެ ސެކިޔުރިޓީ ކައުންސިލުން ބައްދަލުވުމެއް ތާވަލުކޮށްފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ސިފައިންގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.