ވިޔަފާރި

ބީލަންތަކުގެ އިވޭލުއޭޝަން ހުލާސާ އާއްމުކުރަން ފަށައިފި

ނޭޝަނަލް ޓެންޑް ބޯޑުން އިވެލުއޭޓް ކުރަމުން ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ ރިޕޯޓެއް ފިނޭންސް މިނިސްޓްރީން އާއްމު ކުރަން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ނޭޝަނަލް ޓެންޑަ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާއެއް ފިނޭންސްގެ ވެބްސައިޓުގައި ޝާއިއު ކުރަން ފެށުމާއެކު، ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެ ފަރާތް ތަކުން ހުށަހަޅާފައިވާ އަގުތަކާ އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން ވެސް އެނގެން ހުންނާނެ ކަމަށެވެ.

މިއީ ފިނޭންސް މިނިސްޓްރީން ބީލަންތަކުގެ މައުލޫމާތު މިގޮތަށް އާއްމު ކުރާ ފުރަތަމަ ފަހަރެވެ.

އެ މިނިސްޓްރީން އާއްމު ކުރަން ފެށި މައުލޫމާތުތަކާއެކު، ބީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ ވެސް އެނގޭނެ އެވެ. މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގާއި މުއްދަތު ހިމެނޭ ގޮތަށް ހުއްދަދީފައިވާ ދުވަހާ ހުއްދަ ދިން ފަރާތުގެ މައުލޫމާތު ވެސް އެނގޭނެ އެވެ.

ފިނޭންސުން ބުނީ މިވަގުތު ވެބްސައިޓުގައި ޝާއިއު ކޮށްފައި ވަނީ ހަމަ އެކަނި މި އަހަރު ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ކަމުގައިވި ނަމަވެސް، މި މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވެސް ޝާއިއު ކުރާނެ ކަމަށެވެ.

"މިއީ މިނިސްޓްރީ އޮފް ފިނޭންސްއިން ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު މުހިއްމު ހަރުފަތެއް ކަމުގައި ވާނެ،" ފިނޭންސް އިން ބުނެފައި ވެއެވެ.