ހަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ބޯޓު ރާއްޖެ އަތުވެއްޖެ

Jan 10, 2015

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްކުރާ ބޯޓު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން އަންނަ ބޯޓު މިއަދު ހެނދުން މާލެ އަންނާނެ އެވެ.

"މި ބޯޓަކީ އެއް ފަހަރާ 46000 ކިއުބިކް މީޓަރުގެ ވެލި އެއް ފަހަރާ ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެއް،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ބޯޓު އައިސްފައިވަނީ ސިންގަޕޫރުން ފުރައިގެންނެވެ.

މި ބޯޓަކީ މިފަދަ މަސައްކަތް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ބޯޓެކެވެ.

"ލިއެވް އެރިކްސަން" ގެ ނަމުން ނަން ދީފައިވާ މި އުޅަނދަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ބޯޓެކެވެ. އަދި މި މިއީ ބިން ހިއްކުމުގައި މަސައްކަތް ކުރުމަށް މަޝްހޫރު އުޅަނދެކެވެ.

ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށްގެންނެވެ.

ހުޅުމާލެ ދެވަނަ މި ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި މަސައްކަތް ކުރަނީ ބޭންކް އޮފް ސިލޯނުން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.