މިދިޔަ ސީޒަންގައި ފ. ނިލަންދޫ ޓީމަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ) އާއި މިދިޔަ އަހަރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ކުޅުނު އަހްމަދު ނިޒާމް (ނިޒާންބެ) އަންނަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީއަށް ކުޅެން ސޮއި ކޮށްފި އެވެ.
އެ ދެ ކުޅުންތެރިންނަކީ، ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީ ހެދި ފުރަތަމަ ޓްރާންސްފާގެ ތެރޭގައ ހިމެނޭ ދެ ޓްރާންސްފާ އެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީން ރަނގަޅު ޓްރާންސްފާތަކެއް ހެދި ނަމަވެސް ލީގްގައި އެ ޓީމަށް އެކަށީގެންވާ ވަރުގެ ކާމިޔާބެއް ނުހޯދުނެވެ. ގައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން ޝާފިއު އަހްމަދު (ޝާފީ) އާއި ވިންގާ އަހްމަދު ނާޝިދު (ނާއްޓޭ) ވެސް މިދިޔަ އަހަރު ކުޅުނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. އެހެން ނަމަވެސް އެ ޓީމަށް ލީގްގައި ކާމިޔާބެއް ނުހޯދުނެވެ.
އެ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު ނަޒީހްއަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދުމުން، އޭނާ އަމިއްލައަށް ކުލަބުން ވަކި ވި އެވެ. ދެން ކުލަބާ ހަވާލުވީ މިދިޔަ އަހަރު ވިކްޓަރީއަށް ކޯޗް ކޮށްދިން މުހައްމަދު އާދަމެވެ. ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގެ މެދަކާ ހަަމއިން ވިކްޓަރީ މެޗުތަކަށް ހާޒިރު ނުވާތީ އެ ޓީމު ސަސްޕެންޑް ކުރުމުން މުހައްމަދު އާދަމް ބަދަލުވީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.
ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކުޅުނު ފަރޭ ކެރިއާ ފެށީ 2003 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ. މިއީ ޔުނައިޓެޑް ވިކްޓަރީއަށް އޭނާ ކުޅޭ ދެ ވަނަ ފަހަރެވެ. އުފަން ރަށު ޓީމު ނިލަންދޫ ސްޕޯޓްސް ކުލަބުގައި ކެޕްޓަންކަން ކުރީވެސް ފަރޭ އެވެ. ލީގްގެ ތިން ވަނަ ބުރަށް އެ ޓީމު ކޮލިފައި ނުވުމުން ތިން ވަނަ ބުރުގައި ފަރޭ ބަދަލުވީ ކުލަބު އީގަލްސް އަށެވެ. އެއީ ރާއްޖޭގެ އެންމެ ޓޮޕް ޑިވިޗަންގައި އޭނާ ކުޅުނު 10 ވަނަ ޓީމެވެ.
ފުރަތަމަ ޑިވިޝަންގައި މިދިޔަ އަހަރު މުޅިން އަލަށް ވާދަ ކުރަން ފެށި ދަ ގްރާންޑޭއާއެކު މިދިޔަ އަހަރު ނިޒާމް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭގެ ކުރިން، ގްރީން ސްޓްރީޓް 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރި އަހަރު ވެސް އެ ޓީމުގައި އޭނާ މޮޅަށް ކުޅުނެވެ.
ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުން ކުޅުންތެރިންނަށް ދަރަނިވެރި ނުވެ ސަލާމަތް ވެވުނު ދެ ކުލަބުގެ ތެރެއިން އެއް ކުލަބަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ކުލަބުން ކުޅުންތެރިން ގެންނަނީ އެފްއޭއެމުން ދޭ ތިން މިލިއަން ރުފިޔާގެ ތެރެއަށް ފެތޭ އަގުތަކުގަ އެވެ.