ދުނިޔެ

މާލީ: އިންތިހާބު ބާއްވާނެ ކަމަށް ސިފައިން ބުނެފި

Aug 20, 2020

ބަމަކޯ (އޯގަސްޓް 20) - މާލީގެ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށް މުޅި ސަރުކާރު އިސްތިއުފާ ދީ، ޕާލަމަންޓް އުވާލަން މަޖުބޫރު ކުރުވުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގައި އިންތިހާބެއް ބާއްވާނެ ކަމަށް އެ ބަޣާވާތުގައި އިސްކޮށް ތިބި ސިފައިންގެ އޮފިސަރުން ބުނެފި އެވެ.

މާލީގެ ސިފައިންތަކެއް ނުކުމެ ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރުކުރުމާ ގުޅިގެން، އެ ގައުމުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާ އިއްޔެ ވަނީ އިސްތިއުފާ އިއުލާނު ކުރައްވައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ވެސް އުވާލައްވައިފަ އެވެ.

ޓީވީ މެދުވެރިކޮށް އިސްތިއުފާ އިއުލާނު ކުރައްވަމުން ކެއިޓާ ވިދާޅުވީ، ވެރިކަމުގެ ދެމި ހުންނަވަން ލޭ އޮހޮރުވުމަކަށް ގައުމު ދިއުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. ކެއިޓާގެ އިތުރުން ބޮޑުވަޒީރު ބޫބޫ ސީސޭ ވެސް ހައްޔަރު ކޮށްގެން ގެންގޮސްފައި ވަނީ ވެރިރަށް ބަމަކޯގައި ހުންނަ އަސްކަރީ މަރުކަޒަކަށެވެ.

ކެއިޓާ 2018 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންތިހާބުވެފައިވީ ނަމަވެސް، ކޮރަޕްޝަނާއި އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ގިނަ ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑުކިއުން ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.

ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރވި ސިފައިން ނޫސްވެރިންނާ ބައްދަލުކޮށް ބުނީ، ސަރުކާރާ ދެކޮޅަށް ތެދުވަން މަޖުބޫރުވީ، ގައުމު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުނަ ނުދިނުމަށެވެ.

އެ ބަޣާވާތާ ދެކޮޅަށް އދ. އާއެކު ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް، ކުށްވެރި ކުރަމުން އަންނައިރު، އެ މީހުން ބުނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މަދަނީ ސަރުކާރަކަށް މަގުފަހިކޮށް ދިނުމުގެ ގޮތުން، ސިފައިންގެ ބެލުމުގެ ދަށުން އިންތިހާބެއް ބާއްވާނެ ކަމަށެވެ.

ނަމަވެސް، ރައީސް ކެއިޓާ އާ މެދު އަމަލު ކުރަން ވިސްނާ ގޮތެއް ބުނެފައެއް ނުވެ އެވެ.