ކޮވިޑް-19 އާއއެކު ރާއްޖޭގެ އިގްތިސާދު އިދަ ޖެހި ގިނަ ބައެއްގެ ވަޒީފާ ވެސް މިވަނީ ގެއްލިފަ އެވެ. މިހާރު ރާއްޖޭގެ އިގްތިސާދު ހިފަހައްޓަން ތިބީ މަސްވެރިންނޭ ބުނެވިދާނެ އެވެ. ވަޒީފާ އިން ވަކި ކުރި ގިނަ ބަޔަކު މަހަށް ދަނީ އެހެންވެ އެވެ. ކޮވިޑުގެ ސަބަބުން އިގްތިސޯދު ދަށްވިއަސް، މަސްވެރިކަން މިވަނީ ރަނގަޅުވާން ފަށާފަ އެވެ. މިހާރު މަސްވެރިކަން ރަނގަޅުވަމުން ދަނީ ވ. އަތޮޅާއި ޅ. އަތޮޅުގަ އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި މަސްވެރިން ބާނާ މަސް ވީހާ ވެސް ފަސޭހަކޮށް ކައިރިން ކިރުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯގެ މަސްބޯޓުތައް ފެލިވަރުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ފެލިވަރުގައި މަސް ގަނޑުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ނިޒާމެއް ގާއިމްވެފައި ނެތުމުން، އެ ކުންފުނީގެ ބޯޓު ފަހަރުތަކުގައި މަސް ރައްކާކޮށްގެން ކޫއްޑޫ އަށް އުފުލަމުންދާ ކަމަށެވެ.
"އަސްލު ހަގީގަތަށް ބުނާނަމަ އަޅުގަނޑުމެން މަސްވެރިންގެ ކަންބޮޑުވުންތައް މިދަނީ ވަރަށް ގާތުން ބަަލަމުން. އަޅުގަނޑުމެންނަށް އިނގޭ 200 ޓަނުން 450 ޓަނުން މަސް ބާނައިގެން އައިސް މަސް ނުކިރިފަ ތިބެން ޖެހުނީމަ ދިމާވާނެ ތަކުލީފުތައް. އެހެންވެ އަޅުގަނޑުމެން މި ދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅު ހިސާބުތައް ބަލާފަ އެ ހިސާބުތަކަށް ބޯޓު ފަހަރު ފޮނުވަމުން މިދަނީ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މި ދުވަސްކޮޅު ދަށް ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އިން ބޭރަށް އެކްސްޕޯޓު ކުރާ މަހުގެ މިންވަރު ދަށްވެފައިވާ ކަމަށާ، ކޮވިޑާއި ގުޅިގެން ގިނަ ގައުމުތަކުގެ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ފުލީ ފަންގްޝަން ނުކުރާތީ ޑިމާންޑް ދަށްވެފައިވާ ކަމަށެވެ.