ޑރ. އަބްދުﷲ މައުސޫމް

މައުސޫމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް މައްސަލަ ދިރާސާކުރި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިއަ ޖުލައި މަހުގެ ނުވަނަ ވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކޮށް ހަމަ އެ ދުވަހު އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަގުތީ ގޮތުން މިނިސްޓްރީ ހަވާލުކޮށްފައި އޮންނަތާ މަސް ދުވަސް ފަހުންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ މައުސޫމަށް ރުހުންދޭން ފެންނަ ކަމަށް ނިންމާފައެވެ.

އެ ނިންމުމާމެދު ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރާނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މައުސޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީގައި އާބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ހާއްސިލު ކުރައްވާފައިވާ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަމާއި ސަން އައިލެންޑް ރިސޯޓްގެ ކުރީގެ މެނޭޖަރުކަން ވެސް ކުރެއްވެވި މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގަ އެވެ. -- ސަފީރުކަމުގެ މަގާމަށް މައުސޫމް ވަޑައިގެންނެވީ ފެބުރުއަރީ 18، 2019 އިގަ އެވެ. އޭގެ ކުރިން މައުސޫމް ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.