ލައިފްސްޓައިލް

ފޯނުކޯލް މީހެއްތަ، ޓެކްސްޓް މީހެއްތަ؟

"ހަލޯ ކޮން ތަނެއްތޯ؟" މިއީ އަހަރުމެން ގޭގެ ފޯނުން ނަމްބަރަކަށް ގުޅާލާ އެންމެ ފުރަތަމަ ވެސް ކޮށްލާ ސުވާލެވެ. މިހާރު ލޭންޑްލައިނަކީ ގިނަ ކުދިން ދަންނަ އެއްޗެއް ވެސް ނޫނެވެ. އަދި އަމުދުން ފޯނު ބޫތަކީ ކީއްކުރާތަނެއް ކަމެއްވެސް ނޭގިދާނެ އެވެ. ރަށު އޮފީސް ކައިރީ ހުންނަ ފޯނު ބޫތަށް ގޮސް ފޯން ކޯލެއް ކުރި ދުވަސްވަރެއް ދިޔަ އެވެ. އަދި ފޯނު ބޫތު ކައިރީ ގުޅާނެ އިރެއްގެ އިންތިޒާރުގައި ތިބި ދުވަސްވަރެއް ވެސް ދިޔައެވެ. އެއީވެސް ދުވަހެކެވެ.

ފޯނު ކޯލަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަހަރުމެން ފޯނަށް ދިން އަހައްމިޔަތުކަން ރާއްޖޭގެ ޓެލެކޮމް ކުންފުންޏެއް ކަމުގައިވާ ވަތަނިއްޔާ މިހާރުގެ އުރީދޫއިން ދައްކާލި "ހަސަނަށް ފޯނެއްް" އިސްތިހާރުން އެނގޭނެ އެވެ. އެއީ ދިވެހިންގެ މެދުގައި އަދިވެސް މަގުބޫލު އިސްތިހާރެކެވެ. އެ އިސްތިހާރުގައި ހަސަނަށް ފޯނެއް އައިސްގެން މޮބައިލް ފޯނެއް ގެންގޮސް ދިން ކަމުގައިވިއަސް ފޯނަށް ދޭ މުހިއްމުކަން ފެނިގެން ދެއެވެ. ފޯނެއް އައުމުން އެކި ތަންތާ ތިބޭ މީހުން ހަސަނަށް ފޯނެއް އަތުވެއްޖެ ކަމަށް ބުނެ ދުވަމުން ދުވަމުން އެކި މީހުނާ ފޯނު ހަވާލު ކުރަމުން ގޮސް ހަސަނާ ގެންގޮސް ދެއެވެ. މިއީ އެތަކެއް އަހަރުތަކެއްގެ ކުރީގެ އިޝްތިހާރަކަސް އަދިވެސް ބޮލުތެރޭގައި އޭތި އުޅެ އެވެ.


މޮބައިލް ފޯނު އާންމުވެ މިހާރު ކޮންމެ މީހަކު އަތުގައިވެސް އޮންނަނީ މޮޅު ފޯނެކެވެ. ފޯނުން ނުކުރެވޭ އެއް ކަމެއް ވެސް ނެތެވެ. ބޭންކަކީ ފޯނެވެ. ނޫހަކީ ވެސް ޓީވީ / ރޭޑިއޯއަކީވެސް ފޯނުންނެވެ. ފިލްމު ތިއޭޓަރަކީވެސް ފޯނެވެ. ކޮނޑުގައި ކުރިން އަޅުވައިގެން އުޅުނު ކެމެެރާއަކީވެސް ޖީބުގައި އޮތް މޮޅު ފޯނެވެ. ލަވަޖަހަން ގެންގުޅެނީ ވެސް ހަމަ އެ ފޯނެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި ފޯނު އަތުން ދޫނުވެއެވެ. އެކަމަކު ފޯނަށް ގުޅުމުން ޖަވާބެއް ނުދެއެވެ. މިިއީ ކިހިިނެއް ހިނގާ ކަމެއް ހެއްޔެވެ؟

ޒުވާން އުމުރު ފުރައިގެ މީހުންގެ މެދުގައި އަދި ވަކިން ހާއްސަކޮށް މިކަން ބޮޑެވެ. ގުޅާ ގުޅާ ހަަބަރެއް ނުވެއެވެ. ވީކީއްތޯ ބަލާލަން ފަސް ގަޑިއިރު ފަހުން ގުޅާފައި ފޯނު ނުނަގަނީ ކީއްވެތޯ ސުވާލެއް ކޮށްލަބަލާށެވެ. ރިންގްވެސް ނުޖައްސަނީ އެވެ. އިރެއްގައި ރީތި ޓޯނުތަކުން އައި ލަވަތަކުން ފޯނުގެ ރިންގުން އެއް އަޑުކޮށްލި ޒަމާނެއް ވެސް ދިޔައެވެ. އެހެންނަމަވެސް، މިހާރު އެއީ ވަރަށް ލަދުގަންނަ ހަޑި ކަމެކެވެ.

ފޯނުން ފޯނުނުކޮށް ހުރިހާ ވާހަކައެއް ދެން ދައްކަނީ އެކި އެކި ތަފާތު ޗެޓް އެޕްތަކުގަ އެވެ. ކޮންމެ މީހެއްގެ ފޯނުގައި، ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މިހެންގޮސް ނަން ހުސްކޮށް ޗެޓް ކުރާނެ އެޕްތައް އޮވެއެވެ. މި އެޕްތަކުން އިންޓަނެޓް މެދުވެރިކޮށް އިތުރު ހަރަދަކާއި ނުލާއި ފޯނު ކުރެވޭއިރު ވެސް ބޮޑަށް ބުރަވަނީ ހަމަ މެސެޖަކަށެވެ.

ފޯނުކޯލަކަށްވުރެ ބޮޑަށް މެސެޖެއްކޮށްލަން ފަސޭހަ އެވެ. ފަހުން ބަލާލަން ބޭނުންނަމަ ތަފްސީލް ފެނެއެވެ. ބުނަން ފަސޭހަ އެވެ. ފޯނަށް ޖަވާބު ނުދެވުނަސް މެސެޖެއް ކޮށްފިއްޔާ އެ ކިޔާލާފައި ފަހުން ޖަވާބެއް ދެވެއެވެ. ކޮންމެވެސް ކަމެއްގައި ބިޒީކޮށް އުޅޭއިރު ފޯނުގެ އަޑު ނީވިވެސް ހިގައިދާނެ އެވެ. މީގެ ބަދަލުގައި މެސެޖަށް ފަހުން ޖަވާބު ދެވެއެވެ.

އާއިލީ ގުރޫޕުތަކާއި، އޮފީސް ގުރޫޕާއި ރައްޓެހިން މެދުގައި އެކި ޗެޓް ގުރޫޕުތައް އޮވެއެވެ. ފޯނުން ބުނުމާއި މެސެޖުން ބުނުން ހަމަ އެއްވަރުތަ؟

ބައެއް ވާހަކަތަކަކީ މެސަޖަކުން އެކަނި ބުނެގެން ފުއްދާލެވޭނެ ވާހަކައެއްނޫނެވެ. އަހަރުމެންނާއި ދުރުގައިވަ އާއިލާ އަދި ރައްޓެހިންނަށް ދޭތެރެ ދޭތެރެއިން ގުޅާލަން ވެއެވެ. ހާލުބަލާލަން ވެއެވެ. އެކަހެރިކޮށް ދިރިއުޅޭ މުސްކުޅި މާމަ އާއި ކާފަ އާއި ހާލު އަހުވާލު ބަލާލަން ގުޅާލަން ރަނގަޅެވެ.

ގިނަ ފަހަރަށް އެ މީހުންނަކީ ވައިބާ އަދި އެހެންވެސް ޗެޓެއްގައި އުޅުނަސް އަބަދުވެސް ލޯބިވާ ދަރިފުޅު ނުވަތަ މާމަ ދަރިއެއްގެ އަޑުއަހަން ވާހަކަ ދައްކާލަން ބޭނުންވެފައި ތިބޭނެ މީހުންނެވެ. އުމުރުން ދުވަސްވެ މުސްކުޅިވެ ގައިބާރު ދެރަވެފައިވާއިރު މާ ގިނަ ތަންތާކަށް ދެވޭނީއެއް ނޫނެވެ. ދުވަސްވަރުގޮތުން އަދި އެކަން އެބައޮތެވެ. އަދި އެންމެ ގަދައަށް ފޯނުގެ އަޑުޖައްސާފައި ތިބެެނީ މި މީހުންނެވެ. އަބަދުހެންމެ ކޮންމެވެސް އެއް ދަރިއެއް ގުޅާފާނެ ކަމުގެ އިންތިޒާރުގައެވެ.

ދެން މިއޮތީ އެކީގައި ގިނަ ވަގުތުތަކެއް ހޭދަކުރި ރައްޓެހިންނެވެ. ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ހާލު ބަލާލަން މެސެޖެއްކޮށްލުމުގެ ބަދަލުގައި ފޯނެއް އަޅެ ކޮށްލަބަލާށެވެ. ދިރިއުޅުމުގެ އެކި ކަންކަން ލައިގަނެގެން އަނެކުންގެ އޯގާތެރިކަމާއި އަޅާލުމަށް ނުހަނު ބޭނުންވެފައި ތިބެދާނެއެވެ. އެއްފަހަރު ގުޅާ ވާހަކަ ދައްކާލާބަލާށެވެ. އާއްމުގޮތެއްގައި އަހަރުމެންނާއި މީހަކު ދިމާވެގެން "ކިހިނެއް ތޯ؟" މި ސުވާލު ކޮށްލައިފިނަމަ އެންމެ އަވަހަށްދޭ ޖަވާބަކަށް ވާނީ "ރަނގަޅު" އެވެ. އެހެންކަމުން އަސްލު އެމީހާގެ ހާލު ނޭގިދާނެއެވެ. ހާލަތު އަސްލު ހުރިގޮތެއް ނޭގިދާނެ އެވެ. ވަގުތުކޮޅެއް ދޭށެވެ. ފޯނުން ގުޅައިގެން އަޑުއަހަލާށެވެ.

ޓެކްސްޓް މެސެޖަަކަށްވުރެ ފޯނު ކޯލެއް މާ "ރޮމޭންޓިކް" ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އަދި ކިތަންމެ ވަރަކަށް މީހާކާއި ޗެޓްކޮށް ޓެކްސްޓް ކުރިއަސް އެމީހަކު އަސްލުގޮތް ނޭގިދާނެއެވެ. ބައިވެރިޔާ އާއި އަސްލު ދިމާވެގެން އަދި ފޯނު ކޯލް އަކުން ވާހަކަ ދެއްކުން މުހިއްމުވަނީ އަނެކާގެ އިހުސާސްތައް ފަސޭހައިން ދެނެގަނެވޭނެތީއެވެ. އަޑަށް އަންނަ ބަދަލާއި ޝައުގުވެރިކަމާއި އައި ކޮންޓެކްްޓް އަދި ބޮޑީ ލޭންގުއޭޖާއި މިހެންގޮސް ވަރަށް ގިނަ ކަންކަން ބައްދަލުވެގެން އަދި މެސެޖަކަށްވުރެ ބޮޑަށް ފޯންކޯލަކުން ހާމަވާނެއެވެ.

ދެން ބުނެބަލަ ތިއީ ފޯން ކޯލް މިހޭއްތަ ނޫނީ ޓެކްސްޓް މީހެއްތަ؟ ކޮންމެ ކަހަލަ މީހެއް ކަމުގައިވިއަސް އެކަކު އަނެކަކާއި ރަނގަޅު ގުޅުމެއް އޮންނަންވެއެވެ. އެއީ އެކުވެރިކަަމާއި، ލޯއްބާއި އެއް ވިސްނުމެއް އަދި ދާދި އެއްކަހަލަ ތަޖުރިބާއަކާއި ގުޅިގެން ނަމަވެސްމެއެވެ. އެއްބައިވަންތަ ދުޅަހެޔޮ މުޖުތަމައުއަކަށް ދެވޭނީ ގުޅުންތައް ވަރުގަންދަކޮށްގެންނެވެ.