ފޯސީޒަން ރިސޯޓް މޯލްޑިވްސް ކުޑަހުރާ ގައި ހުކުރު ނުކުރާތީ އެ ރިސޯޓްގައި ތިބި ދިވެހި މުވައްޒިފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ރިސޯޓްގައި ހުކުރު ނުކުރާތާ ފަސް މަހެއްހާ ދުވަސް ފަހުން މިިދިޔަ ހުކުރު ދުވަހު ދިވެހި މުވައްޒަފުން ވަނީ ހުކުރު ކޮށްފަ އެވެ. ނަމަވެސް އެ ރިސޯޓުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ އިމާމުވެ ހުކުރު ކުރި މީހާއާ މެނޭޖްމަންޓުން ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމަށްޓަކައި ހުކުރު ކުރުން ހުއްޓާލާފައިވާ ކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ.
"ފަސް މަހެއްހާ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހު ހުކުރު މި ކުރީ. ނަމަވެސް މިހާރު އަންގަނީ އެހެން ހުުކުރު ނުކުރެވޭނެ ކަމަށް. ރިސޯޓްގައި އެޗްއާރު މެނޭޖަރަކަށް ހުރި އިންޑިއާ މީހެއް މި އެންގުން މި އަންގަނީ،"
މުވައްޒިފުން އެކަމާއި ކަންބޮޑުވުން ފާޅުކުރުމުން ހަ ފޫޓް ދުރުގައި ތިބެގެން ނޫނީ ހުކުރު ނުކުރެވޭނެ ކަމަށް މިހާރު އަންގާފައިވާ ކަމަށްވެސް އެ މުވައްޒިފުން ބުނެފައި ވެއެވެ.
"ކެންޓީނުގައި ކާންތިބެވޭ އެންމެން އެކުގައި. އެކަމަކު ނަމާދަށް އަރާ ޖަމާއަތް ހަދަން މި ޖެހެނީ ހަ ފޫޓް ދުރުގައި. ވަރަށް ދެކޮޅު ނުޖެހޭ ގަވާއިދުތަކެއް މި ހުރީ ހަދާފައި،"
މުވައްޒިފުން ބުނީ ރިސޯޓްގައި އެހެން ނަމާދުތައް ތިން ފޫޓް ދުރުގައި ތިބެގެން ކުރެވޭ ކަމަށާ ނަމަ ވެސް ހުކުރު ނަމާދަށް ހާއްސަކޮށް ވަކި ގަވާއިދެެއް ހެދުމަކީ ހުކުރު ކުރަން ހުރަސް އެޅުން ކަމަށެވެ.
"މި ރިސޯޓަކީ ކޮވިޑްގެ ކޭސްއެއް ފެނިފައިވާ ރިސޯޓެއް ވެސް ނޫން. އަނެއްކާ ހުކުރު ނުކުރެވޭނެ ކަމަކަށް އެޗްޕީއޭއިން ވެސް އިސްލާމިކް މިނިސްޓްރީން ވެސް ނާންގާ. އެހެންވީމަ ރިސޯޓުން އަމިއްލައަށް ވަކި އުސޫލުތަކެއް ހަދައިގެން ހުކުރު ނުކުރެވޭނެ ކަމަށް ބުނުމަކީ ކަންބޮޑުވާ ކަމެއް. އެކަމާއި ހުރިހާ ދިވެހި މުވައްޒިފުން މިިތިބީ ވަރަށް ރުޅިގަދަވެފައި،"
ފޯސީޒަން ރިސޯޓް މޯލްޑިވްސް ކުޑަހުރާގައި 100 އެއްހާ ދިވެހިން މަސައްކަތް ކުރާ ކަމަށް ވެސް އެމީހުން ބުންޏެވެ. މިކަމާއި ގުޅިގެން އެ ރިސޯޓްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.