ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

ދުނިޔެ ކޮވިޑާ ހަނގުރާމަކުރާއިރު ވޫހާން ޕާޓީ ކުރަނީ!

ޗައިނާގެ ވޫހާންގައި އެތައް ހާސް ބަޔަކު ފޭސް މާސްކް އެޅުމެއް ކަމެއް ވެސް ނެތި މިއުޒިކް ފެސްޓިވަލެއްގައި ގައިގޯޅިކޮށް މަޖާކުރާ މަންޒަރު ފެނިފައި ދުނިޔޭގެ ގިނަ ބަޔަކު ރުޅިގަދަ ވެއްޖެ އެވެ. މިއީ 2020 ގައި އެއްގޮތަކަށް ވެސް ފެންނަ ކަހަލަ މަންޒަރަކަށް ނުވެފައި ކޮރޯނާވައިރަސް ފައިދާވެ އަދި މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ރަށުގައި މިގޮތަށް މީހުން ޕާޓީ ކުރާތީ ހިތްހަމަނުޖެހިފައިވާ މީހުން ވަރަށް ގިނަ އެވެ.

މިދިޔަ ޖެނުއަރީ މަހު ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފުރަތަމަ ފެށީގެން އައީ ވޫހާން އިންނެވެ. އަދި މި ބަލި ފެތުރޭތީ ފުރަތަމަ ލޮކްޑައުން ކުރީ ވެސް މި ސިޓީ އެވެ. އެ ދުވަސްވަރު ވޫހާންގެ މަގުތައް ފަޅުވެ އެއްވެސް ދުއްވާ އެއްޗެއް މީހެއްގެ ހިލަމެއް ނެތި އެތައް ދުވަހެއް ދިޔަ އެވެ. އަދި މިއީ 'ގޯސްޓް ސިޓީ" ގެ ގޮތުގައި މީހުން އޭރު ސިފަ ކޮށްފައި ވެއެވެ.

ނަމަވެސް އޭޕްރީލް މަހު ލޮކްޑައުން ނަގައި އެ ސިޓީގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އައިސް މިފަދަ ޕާޓީތައް ބޭއްވޭ ވަރަށް ވަނީ ރަނގަޅު ވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ވޫހާންގެ 11 މިލިއަން މީހުން ލޮކްޑައުންކުރަން ޖެހުނީ ކޮރޯނާވައިރަހުގެ ވަބާއެއް އެ ސިޓީގައި ފެށި 400 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި 17 މީހުން މަރުވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތުމުން ހިތްހަމަޖެހިލައިގެން މީހުންނަށް ނުކުމެ އުޅެވޭ ގޮތް ވީ އެވެ.

ލޮކްޑައުން ނެގުމުން ވޫހާންގެ އެންމެ ގިނަ ބަޔަކު އެންމެ ބޮޑު އިސްކަމެއް ދިނީ ކައިވެނި ކުރުމަށެވެ. އެގޮތުން އެއް ދުވަހެއްގެ ތެރޭގައި އެތައް ހާސް ކައިވެންޏެއް އެ ގައުމުގައި ކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. ގައުމުގެ ހާލަތު ހަމަޔަކަށް އެޅި ސްކޫލްތައް ހުޅުވައި ވިޔަފާރިތައް ވެސް މިހާރު ވަނީ އަލުން ޚިދުމަތް ދޭން ފަށާފަ އެވެ.

ނަމަވެސް މޭ 12 ވަނަ ދުވަހު އަނެއްކާވެސް އެ ސިޓީން ހަ މީހަކު ޕޮޒިޓިވް ވިއެވެ. އެއާއެކު އާއްމުން ކަންބޮޑުވެގެން އުޅޭން ފެށުމުން ޗައިނާ ސަރުކާރުން ވަނީ ވުހާންގެ 11 މިލިއަން މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށް ބަލި ބޮޑަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކޮށްފަ އެވެ.
ވުހާންގެ ސިނަމާތަކާއި ޕާކްތައް ހުޅުވައި މުޅިން އެ ސިޓީގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެތައް ހާސް ބަޔަކު ބައިވެރިވާ ބޮޑެތި ޕާޓީތައް ބޭއްވޭ ވަރަށް އެ ސިޓީގެ ހާލަތު މިހާރު ރަނގަޅުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިހާ ބޮޑަށް ހުރިހާ ކަމެއް ދޫކޮށްލުމުން ހިތްހަމަނުޖެހޭ ބަޔަކު ވެސް ވޫހާންގައި އެބަ ތިއްބެވެ. އެމީހުން ބީބީސީ އަށް ބުނެފައިވާ ގޮތުގައި ނިއު ޒިލެންޑްގައި ވެސް ކޮވިޑް-19 ނެތް ކަމަށް އިއުލާންކޮށް ހުރިހާ ކަމެއް ނޯމަލް ކަމަށް ނިންމައި އާދައިގެ ހާލަތަކަށް ގައުމު ބަދަލުކުރުމުން އަނެއްކާވެސް ބަލި ފެތުރެން ވަނީ ފަށާފަ އެވެ. އެހެންވީމާ ވޫހާން ވެސް އަދި މުޅިން ބަލި ނައްތާލެވިއްޖޭ ކިޔާފައި ހުރިހާ ކަމެއް އާއްމު ހާލަތަކަށް ގެންނަން އަދި މާ އަވަހެވެ.

ވޫހާންގައި ޕާޓީ ކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވުމުން ދުނިޔޭގެ ގިނަ ބަޔަކު ރުޅިގަދަވީ އެމީހުންނަށް ބަލި ދިނީ ވޫހާން މީހުން ކަމަށް ބުނެ އެވެ. އެހެން މީހުންނަށް ބަލި ޖައްސާފައި ވޫހާން މީހުން މިހާރު ޕާޓީ ކުރަނީ ކަމަށް ފާޑުކިޔާ ބައެއް މީހުން ބުނެފައި ވެއެވެ.